އަހުމަދު މަސްނޫމް   19 ޖުލައި 2023 - 3:29
ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި މައުރޫފް އަހުމަދު (މާއްޓޭ) އެ މަޤާމުން ވަކިކޮށްފިއެވެ.

ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން މައުރޫފް އަހުމަދު ވަކިކުރެއްވިކަން، ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކުރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑުން ވަނީ ޔަގީންކޮށްދީފައެވެ.

އެ ބޯޑުން މީޑިއާތަކަށް މައުލޫމާތުދޭ ގޮތުގައި މާއްޓޭ މަޤާމުން ވަކިކުރީ ރައީސް އޮފީހުން އެކަމަށް އެދުމުންނެވެ. އަދި އޭނާ މަޤާމުން ވަކިކުރަން ނިންމީ މިއަދުކަމަށްވެސް އެ ބޯޑުން ބުނެއެވެ.

މާއްޓޭ މަޤާމުން ވަކިކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމިޔަސް، ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ބުނީ މަޤާމުން ވަކިކުރިކަން އަންގާފައިނުވާކަމަަށެވެ. ނަމަވެސް އަމިއްލައަށް މަޤާމުން އިސްތިއުފާދެއްވުމަށް ސިޓީ ހުށަހަޅުއްވާފައިވާކަމަށްވެސް މާއްޓޭ ވިދާޅުވެފައި ވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގަައި މާއްޓޭއަކީ ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މާއްޓޭ ވަކިކުރުމަށް ނިންމާފައި މިވަނީ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް، ކުޅިވަރުގެ ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

މާއްޓޭގެ އަނބިކަނބަލުން އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މަރިޔަމް ނާޒިމާއަކީ ވެސް ނަޝީދަށް ތާއީދު ކުރައްވާ، ޑިމޮކްރެސްޓްސް ޕާޓީގެ އިސް މެމްބަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން