ޕީޕީއެމުން އެދެނީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިދިކޮޅު ފަރާތްތަކުން ގުޅިގެން ނެރޭ ކެންޑިޑޭޓަަކަށް ހެދުމަށްކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމުން މިހެން ބުނެފައި މިވަނީ އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް ޖޭޕީ، އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސްއިން އެއްބަސްވެ، ޕީޕީއެމާއި އެމްއާރުއެމަށްވެސް އެ ދައުވަތު ދިނުމުން ނެރުނު ބަޔާނެއްގައެވެ.

އިދިކޮޅު ފަރާތްތަކުން ގުޅިގެން ކެނޑިޑޭޓެއް ނެރުމަށް މަޝްވަރާކުރީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައީސް ނަޝީދު މިއަދު ޖޭޕީގެ މައި ހަރުގެ، ކުނޫޒްގައި ބޭއްވި ބައްދަލުވުމުގައެވެ.



މި ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުމަށް ޕީޕީއެމާއި އެމްއާރުއެމާއި މަޝްވަރާ ކުރަށްވާނެ ކަމަށާއި އެގޮތަށް ހުރިހާ ބޭފުޅުން އެއްބަސްވާނަމަ އެގޮތަށް ކުރިއަށްދާނެ ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ޕީޕީއެމް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމުމުގައި ރައީސް ޢަބްދުﷲ ޔާމީނަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ އެ ޕާޓީން އެދޭ ގޮތްކަމަށެވެ. އަދި އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެ ކޯލިޝަނުން މަރުހަބާ ކިޔައި ޝުކުރު ދަންނަވާކަމަށްވެސް ތޮލާލް ފޮނުއްވި މެސެޖުގައިވެއެވެ.

ރައީސް ޔާމީން ފިޔަވައި އިތުރު ކެނޑިޑޭޓަކަށް ޕީޕީއެމުން އެއްބަސްނުވާނެކަމަށް އެ ޕާޓީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވިދާނެކަމާާމެދު ވަނީ ސުވާލު އުފެދިފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ކެނޑިޑަސީ ހުށަހަޅަން ހުޅުވާލުމުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން