ހއ. އުލިގަމުގެ ބޭރުގައި ޔޮޓް ބަނދަރުކުރެވޭގޮތަށް އުލިގަމު ބަނދަރު ބޮޑުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުލިގަމަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސާލިހު ވިދާޅުވީ ހއ. އުލިގަމަކީ ގިނަ އަދަދެއްގެ ޔޮޓްތައް ކައިރި ކުރާ ރަށެއްކަމަށާއި، އެހެންކަމުން ބަނދަރާއި ގުޅޭގޮތުން އޮތް ދަތިތައް ކައުންސިލުން ހިއްސާކޮށްފައިވާކަމަށެވެ. އެގޮތުން ބަނދަރު ބޮޑުކޮށްދިނުމަށް ކައުންސިލުން އެދިފައިވާކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ އުލިގަމު ބަނދަރު ހެދިގެންދާއިރު ޔޮޓު ފަހަރު ކައިރި ކުރެވޭނެ ގޮތަށް ބަނދަރު ބޮޑުކޮށްދެއްވާނެކަމަށެވެ.

"މި ރަށުގެ ބަނދަރު ހެދިގެން ދާއިރު އޭގެ ތެރޭގައި ޔޮޓު ފަހަރު ވެސް ކައިރިކުރެވޭނެ ރަނގަޅު ނިޒާމަކާއެކު ތަރައްގީ ކުރާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުލިގަމު ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް މިހާރު ހަވާލުކޮށްފައިވާކަމަށާއި، އެއީވެސް 79.8 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށެވެ.

އުލިގަމަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސާލިހު ވަނީ އެ ރަށުގައި ސަރުކާރުން ކުރިއަށްގެންދިޔަ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާހުކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން