މިދިޔަ 50 އަހަރު ނާންނަހާ ތަރައްޤީ އިހަަވަންދޫއަށް ގެނެސްދިނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ސާލިހުވެސް ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝިފާއު ވިދާޅުވީ މިދިޔަ ސަރުކާރުތަކުގައި އިހަވަންދޫ ވަނީ ތަރައްގީން ބާކީކޮށްފައިކަމަށެވެ.

ކުރީގެ ސަރުކާރުތަކުން އިހަވަންދޫއާމެދު އަޅާލުމެއް ބަހައްޓާފައި ނުވިނަމަވެސް މި ސަރުކާރުން ވަނީ އިހަވަންދޫ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދިނުމުގެ މަސައްކަތް ފައްޓަވާފައިކަން ޝިފާއު ފާހަގަކުރެއްވިއެވެ. އެގޮތުން އެ ރަށުގެ ބިން ބޮޑުކޮށް އިހަވަންދޫއަށް ތަރައްޤީގެ ބޮޑު ބަދަލެއް މި ސަރުކާރުން ގެނެސްދީފައިވާކަމަށް ޝިފާއު ވިދާޅުވިއެވެ.

"އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ފަށްޓަވައި، އިހަވަންދޫގެ ޗާޓު ބަދަލުކޮށްލެއްވީ ރައީސް ސާލިހު،" ޝިފާއު ވިދާޅުވިއެވެ.



ޝިފާއު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި އިހަވަންދޫއިން މީގެކުރިން ކެނޑިޑޭޓަކަށް ނުލިބޭވަރުގެ އަޣުލަބިއްޔަތެއް ރައީސް ސާލިހަށް އިހަވަންދޫއަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ޝިފާއު ވިދާޅުވީ އިހަވަންދޫގެ އިތުރުން މުޅި ރާއްޖެއަށް ތަރައްޤީ ގެނެސްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގެންފައިވާކަމަށެވެ.

"ރަށްރަށުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ކަންކަން ހައްލު ކޮށްދެއްވި،" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތާއެކު އުތުރުން ދެކުނަށް އެއްވެސް އަތޮޅެއް ބާކީނުވެ، ހުރިހާ އަތޮޅަކުން ރައީސް ސާލިހަށް އަޣުލަބިއްޔަތު ލިބޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން