ބިން ހިއްކާ ނިމުމުން އިހަވަންދޫ މަސް ގަންނަ މަރުކަޒުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އިހަވަންދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އިހަވަންދޫއަށް މީގެކުރިން ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ގިނަ ކަންތައްތަކެއް ހުށަހަޅާފައިވާކަމަށެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ކުރައްވާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އިހަވަންދޫގެ ރައްޔިތުން އެހެން ރަށްރަށަށް ދަތުރުނުކޮށް، އިހަވަންދޫއިން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ހޮސްޕިޓަލެއް އަޅައިދެއްވާނެކަމަށެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ ފައިސާ ވަނީ ހަމަޖައްސާފައިކަމަށާއި މަސައްކަތް ކުރާނެ ބަޔަކުވެސް ކަނޑައަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހޮސްޕިޓަލުގެ މަސައްކަތް ލަސްނުވެ ފެށިގެންދާނެކަމަށެވެ.

"ޖުލައިމަސް ނިމޭއިރު އެތަނުގެ އަމަލީ މަސައްކަތް ފަށައިގަނެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިހަވަންދޫއަކީ މަސްވެރި ރަށެއްކަމަށާއި، ނަމަވެސް މަސްވެރިންނަށް ދަތިވާ ކަންތައްތަކެއް ހިއްސާކޮށްފައިވާކަމަށެވެ. އަދި މަސްވެރިންގެ މައްސަލަތަކަށް އެދެވޭ ހައްލެއް ނުލިބި އޮތީ ކުރީ ސަރުކާރުތަކުން އެ ސިނާއަތާއި މެދު އަޅާނުލާ އޮވެ، ހުސް ވާހަކަ ދެއްކުމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއަރުވަން މަސައްކަތްކުރާނެކަމަށާއި ޕްރައިވެޓް ސެކްޓަރަށް އެކީ އެ ސިނާއަތް ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

"މިފްކޯއަށް މިހާރަށްވުރެ ރަނގަޅަށް އިންވެސްޓްކޮށް، މަސްވެރިކަމުގެ ތަރައްޤީޢަށް ގިނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިހަަވަންދުގައި މަސް ގަންނަ މަރުކަޒެއް އަޅައިދޭން ވާނީ ވައުދުވެފައިކަމަށާއި، އެކަން ފުރިހަމަކޮށްދެއްވާނެކަމަށެވެ. އެގޮތުން އިހަވަންދޫއަށް ބިން އިތުރުކުރުމުގެ މަސައްކަތް ނިމުމާއެކު މަސް ގަންނަ ބަނދަރާއި، މަސް ގަންނަ މަރުކަޒުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް ދެ ހަފްތާ ތެރޭގައި މަސް ގަންނަ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރާނަން. އެތަނުގައި އެމްޓީސީސީގެ ސޭލްސް ސެންޓަރެއް ޤާއިމްކުރާނަން. މަސް ގަންނަ ސެންޓަރަކީ 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއެކު ތަރައްޤީކުރާނެ މަރުކަޒެއް" ރައީސް ވިދާޅުވިއެވެ.

އިހަވަންދޫއަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓު ކިޔައިދެއްވަމުން ރައީސް ވިދާޅުވީ އިހަވަންދޫ ކައިރީގައި އޮންނަ ދިގުފަރުގައި އިންޓަގްރޭޓަޑް ޓުއަރިޒަމް ޕްރޮޖެކްޓަކާއި، އިހަވަންދޫގައި ހައުސިންގ މަޝްރޫޢަކާއި ވެލިއު އެޑްކޮށްގެން މަސް ޕްރޮސެސްކުރެވޭނެ އިންތިޒާމާއި، ބަނދަރުގެ ދަތިތައް ހައްލުކުރަން، ނެރު ބަދަލުކުރުމުގެ މަސައްކަތާއި ރަށުގެ ހުރިހާ މަގެއް ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ކޮށްދެއްވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން