އިސްރާއީލަކީ ނަސްލީ ތަފާތުކުރުންތައް ނުގެންގުޅޭ ގައުމެއްކަމަށް އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ (ކޮންގްރެސްގެ) ތިރިގެ ކަމުގައިވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ގަރާރަކުން ނިންމައިފިއެވެ.

މިގަރާރު ބުނާ ގޮތުން ދެކުނު އެފްރިކާގެ ދޮން މީހުން ކަޅުމީހުންނާއި ދެކޮޅަށް ހިންގި ނަސްލީ ނިޒާމުކަމުގައިވާ އެޕާތައިޑް ނިޒާމެއްވެސް އިސްރާއީލަކު ނެތެވެ. އެޕާތައިޑް ނިޒާމަކީ މީހާގެ ހަމުގެ ކުލަޔަށް ބަލައިގެން، ވެރިކަމުގެ ފަންތިން ފެށިގެން ގޮސް ވަޒީފާޔާއި ތަޢުލީމާއި ޞިއްޙަތާއި އާންމު ޚިދުމަތްތައް ދިނުމާއި، މިބާވަތުގެ ހުރިހާ ކަމެއްގައި ދޮންމީހުންނަށް ޚާއްޞަ އިމްތިޔާޒުތަކެއް ލިބިދީފައި، ކަޅު މީހުން ގިއްގަޅުވާލި ނިޒާމެކެވެ.

އިއްޔެ އެމެރިކާގެ ތިރިގެއިން ފާސްކުރި މިގަރާރާއި އެއްކޮޅަށް 412 ވޯޓު ދީފައިވެއެވެ. މިގަރާރާއި ދެކޮޅަށް ދީފައިވަނީ އެންމެ 9 ވޯޓެވެ. އެއްވޯޓު "ހާޒިރުވެފައިވާކަމަށް" ވޯޓު ދީފައިވެއެވެ. މިގަރާރު ފާސްކޮށްފައިމިވަނީ އިސްރާއީލުގެ ރައީސް އައިޒެކް ހާޒޮގް އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ވައިޓް ހައުސްގައި އިއްޔެ ބައްދަލުކުރެއްވި ފަހުންނެވެ.

މިގަރާރު ފާސްކޮށްފައިމިވަނީ އެމެރިކާގެ ތިރިގޭގެ މެމްބަރެއްކަމަށްވާ ޕްރަމިލާ ޖަޔަޕާލްއަށް ދިން ރައްދެއްގެ ގޮތުގައިއެވެ. އިސްރާއީލަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ ދައުލަތެއްކަމަށް ޕްރަމިލާވަނީ މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައިއެވެ. އޭނާ މިހެން ވިދާޅުވުމާއި ގުޅިގެން އެމެރިކާގެ ބޮޑު ދެޕާޓީ ވަރަށް ބޮޑަށް ރުޅިގަދަވިކަމަށް ޚަބަރުތައް ބުނެއެވެ. މިކަމާއި ގުޅިގެން އޭނާވަނީ މަޢާފަށް އެދިވަދައިގެންފައިއެވެ. މަޢާފަށް އެދިވަޑައިގެން ނަމަވެސް، އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔައިގެ ސަރުކާރުން ތަފާތުކުރުމުގެ ސިޔާސަތުތައް ގެންގުޅޭކަމަށް އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ.

އިއްޔެ މިފާސްކުރި ގަރާރަކީ ރަމްޒީ ގަރާރެއްކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް، އިސްރާއީލަށް ފާޑުކިޔާ މީހުންނަށް މިގަރާރު އަންގައިދެނީ އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގައި އިސްރާއީލަށް ފާޑުކިޔަމުންދާއިރު، އިސްރާއީލަށް ތާއިދުކުރާ މީހުން ހިމޭނުން ނުތިބޭނެ ކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން