ޖުމްހޫރީ މައިދާނުގައި މިއަދު ކުރިއަށްދިޔަ އިހްތިޖާޖެއް ކަވަރކުރަން ތިބި ނޫސްވެރިންތަކަކަށް އަނިޔާވާގޮތަށް ކޮއްޕާލި މައްސަލައިގައި ފުލަހަކު ސަސްޕެންޑްކޮށް، ތަހުޤީޤްކުރަން ކޮމިޝަނަރ އޮފް ޕޮލިސް އަންގަވައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ އިހްތިޖާޖު ކަވަރކުރަން ތިބި ނޫސްވެރިން އެތަނުން ދުރަށް ޖެއްސުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ވަނީ ނޫސްވެރިންތަކަކަށް އަނިޔާވާގޮތަށް އަމަލުކޮށްފައެވެ. އެގޮތުން ފުލުހުންގެ މީހަކު ވަނީ ކެމެރާއާއެކު ހަރަކާތްތެރިވަމުންދިޔަ ކެމެރާމަނަކާއި އޭނާއާއެކު ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިޔަކު ކޮއްޕާ ވައްޓާލާފައެވެ.

އެ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވަމުންދާއިރު، ގިނަ ބަޔަކު އަންނަނީ ފުލުހުން އަމަލުކުރި ގޮތަށް ފާޑު ކިޔަމުންނެވެ.



މީޑިއާތަކަށް މައުލޫމާތުދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ތުހުމަތުކުރެވޭ ފުލުސް މީހާ މަސްއޫލިއްޔަތުތަކުން ދުރުކުރަން އަންގަވާފައިވާކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް އެސްއޯ ފުލުހުންގެ ޑިޕާޓްމަންޓަށް އަންގާފައިވާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

މީގެކުރިންވެސް ފުލުހުން ވަނީ ބައެއް މުޒާހަރާތަކުގައި ނޫސްވެރިންނަށް އަނިޔާވާ ގޮތަށް އަމަލުކޮށްފައެވެ. ނަމަވެސް މިހާތަނަށް އެކަމަށް އެދެވިގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން