ރައްޔިތުން ތިބީ ވައުދުވެ ވައުދު ފުއްދައި ތަރައްގީއާއެކު ކުރިއަށްދާން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. ވަށަފަރުގައި މިއަދު ހަވީރު ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ހއ.ގެ ނުވަ ރަށަކަށް އެމަނިކުފާނު ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ކޮންމެ ރަށަކުން ވެސް ފެންނަނީ ރައްޔިތުން ތިބީ ވައުދުވެ ވައުދު ފުއްދާ ބަޔަކާއި އެކީގައި ތަރައްގީ އާއިގެން ކުރިއަށްދާން ތިބި މަންޒަރު ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ވަށަފަރަށް މީގެ ކުރީގެ ސަރުކާރު ތަކުން ވީ ހުސް ވައުދު ކަމަށާއި އެކަމަށް އެއްވެސް އަމަލީ ސިފައެއް ނާންނަ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަށަފަރަށް ވީ ވައުދުތައް ތަފާތު ކުރުމެެއް ނެތި ސަރުކާރުން ފުއްދައިދެމުން ގެންދާ ކަމަށާއި އެކަން އެރަށުގެ ރައްޔިތުން މިއަދު ގަބޫލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހއ. ވަށަފަރަކީ ލޯކަލް ޓުއަރިޒަމަށް ފައްކާކުރަން އެންމެ ރަނގަޅު އެއް ރަށް ކަމަށެވެ.



"މިރަށުގެ ބީޗަކީ އެންމެ ރީތި ބީޗް، މި ބީޗް ބަލާލުމަށްޓަކައި މިރަށައް ޒިޔާރަތް ކުރާ ކިތަންމެ ބަޔަކު އެބަތިބި، ދިވެހިން ވެސް އާދޭ މުޅި ރާއްޖޭގައި އޮތް އެންމެ ރީތި ބީޗް އޮތީ މިރަށުގައި. އަޅުގަނޑު ހިތުން މިއީ ލޯކަލް ޓޫރިޒަމް އެންމެ ރަނގަޅަށް ފައްކާ ކުރެވޭނެ އެއްރަށް. ބިމުގެ އަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އުފުލެމުން. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ނިމުނީމަ މިރަށަކީ ލޯކަލް ޓޫރިޒަމް ފައްކާ ކުރެވޭނެ ކުރިއަަށް ގެންދެވޭނެ އެންމެ ރަނގަޅު އެއް މުސްތަގުބަލް އޮތް ރަށް، އިރާދަކުރެއްވިޔާ އެކަމަަށް އަޅުގަނޑު ފުރުސަތު ހޯދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ވަށަފަރުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެެރަށައް ކުރިއަށް ކުރަން ހުރި ކަންކަމުގެ ތެރޭގައި އެ ރަށަށް އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ ހަފުތާގައި ވަށަފަރު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ސްކޫލުގެ މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ވަކި ރަށެއް ތަފާތު ކުރުމެއް ނެތި އަދި ވަކި ވިސްނުމެއް ވެސް ތަފާތު ކުރުމެއް ނެތި، ވަކި ޕާޓީއެއް ވެސް ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ދޭންވާ ހިދުމަތްތައް ދިނުމުގައި ދެމިތިބޭނަން،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން