ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ވަޒީފާ އަދާކުރަން ކެރޭ ހުރިހާ ޒުވާނުންނަށްވެސް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މާލޭ ދާއިރާގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި 35-18 ހަރަކާތުގައި މިރޭ ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައި ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ވަޒީފާ އަދާކުރަން ކެރޭ ހުރިހާ ޒުވާނުންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ޒުވާނުންނަށް ވަޒީފާ އަދާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ އިތުރުން އެކަމުގެ ހުނަރުހުރި ޒުވާނުންނަށް ފައިސާގެ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ ޒުވާނުން ތަނަވަސް މީހުންނަށް ހެދުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރެއްގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރަށްވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.



"ތައުލީމީ ގޮތުން ރަނގަޅު ގާބިލް ކުއްޖަކަށް ހެދުމަށްޓަކައި، ހުރިހާ ކުދިންނަށްވެސް، ވަކި ފަރުދެއް ނެތި އެންމެން ޝާމިލްވާގޮތަށް، އިރާދަކުރެއްވިއްޔާ ރާއްޖެއިންނާއި، ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކުރުމުގެ ހުރިހާ ފުރުސަތެއްވެސް ތަނަވަސްކޮށްދޭނަން އަޅުގަނޑުމެން ސަރުކާރެއްގައި." ވިލާ ކޮލެޖްގެ ނަމުގައި އަމިއްލަ ކޮލެޖެއްް ހިންގަވާ މިހާރުވެސް އެތައް ދިވެހި ދަރިންނަކަށް ތައުލީމްގެ ގިނަ ފުރުސަތުތަކެއް ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަހިކޮށްދެއްވަމުން ގެންދަވާ ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންގެ ބޭސްފަރުވާއަށް ވަރަށް ދީލަތި އެހީތަކެއް މިހާރު ވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ޤާސިމް ވިދާޅުވީ، ބޮޑެތި ބަލިތައް ދިމާވާ ޒުވާން ކުދިންނަށާއި، އަދި އެނޫން ފުރައިގެ މީހުންނަށްވެސް ފުރިހަމަ ސިއްހީ ފަރުވާ އެމަނިކުފާނުގެ ސަރުކާރެއްގައި ލިބޭނެކަމަށެވެ. އަދި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާނަމަ ހުރިހާ ހަރަދެއް ސަރުކާރުން ފޯރުކޮށްދޭނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރަށް ބޭސްފަރުވާ ކުރުމަށް ދަތުރުކުރާ މީހުން މަދުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި އޭގެތެރޭގައި މާލެވެސް ހިމެނިގެންދާގޮތަށް ހުރިހާ ބަލިބައްޔަށް ބޭސްފަރުވާކުރެވޭނެ ނިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަށްވާނެ ކަމަށެވެ.

"އެކަމަށްޓަކައި ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް ރާއްޖޭގެ ތިން ސަރަހައްދުގައި ވާންޖެހޭ ތައްޔާރީތައް ވުމަށް އެންމެ ގިނަވެގެންވެސް އަޅުގަނޑުމެންގެ ވެރިކަމުގެ ތިންވަނަ އަހަރު ފެށިގެންދާއިރު، ނުވަތަ ދެވަނަ އަހަރު ފެށިގެންދާއިރު، އެވަސީލަތްތައް ގާއިމްކޮށް، ރާއްޖޭން ބޭރަށް ދިޔުމުގެ ދަތި އުނދަގޫ ބުރަ މަސްއޫލިއްޔަތުން ސަލާމަތްކުރާނަން އިރާދަކުރެއްވިއްޔާ." ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން