ރައްޔިތުންނަށް ފެނާ ކަރަންޓާއި އަސާސީ ޚިދުމަތްތައް ނުލިބުމުގެ ޝަކުވާގެ އަޑެއް މިހާރު އިވިވަޑައިނުގަންނަވާ ކަަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދިއްދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރު ކެމްޕެއިން ދަތުރުތަކުގައި އެމަނިކުފާނު ރަށްތަކަށް ވަޑައިގަތުމުން ރައްޔިތުންގެ ޝަކުވާ ތަކެއް އިވިވަޑައިގެންނެވި ކަމަށެވެ.

އެގޮތުން ރަށްރަށުގައި ޒުވާނުން ކުޅެލާނެ ދަނޑެއް ނެތް ވާހަކައާއި، ލަފައި ފުރުން ދަތިވުމާއި، ބިމުގެ މައްސަލަތަކާއި، ސާފު ފެން ނެތް ވާހަކައާއި، ކަރަންޓު ނުލިބޭ ވާހަކައާއި، ގޭގެ ހުންނަ ސަރަހައްދުގައި އިންޖީނުގެތައް ހުރުމާއި، މަލްޓިޕަރޕަސް ހޯލްގެ ވާހަކަ ތަކުރާރުކޮށް އެމަނިކުފާނަށް އިވިވަޑައިގަތް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.





އެހެން ނަމަވެސް މިއަދު ރިޔާސީ އިންތިޚާބެއްގެ ކެމްޕެއިންގައި ރަށްރަށް އެމަނިކުފާނު ވަޑައިގައިގަންނަވާއިރު، ފެނާއި ނަރުދަމާގެ ވާހަކައާއި ކަރަންޓުގެ ދަތިކަމުގެ ވާހަކަ އެއްވެސް ރަށަކުން އިވިވަޑައިނުގަންނަވާ ކަމަށާއި، އިންޖީނުގެތައް ބަދަލުކުރުމުގެ ވާހަކަވެސް އިވިވަޑައިނުގަންނަވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ މި ސަރުކާރުން ވަމުންދާ ވައުދުތައް ބަރާބަރަށް ފުއްދާކަމަށާއި އެކަން މިއަދު ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ. އެފަދަ އަޑުތައް މިއަދު އިވިވަޑައިނުގަންނަވަނީ އެހެންވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ 141 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދާކަމަށް ރައީސް ވިދާޅުވިއެވެ. 150 ރަށުގެ އިންޖީނުގެ ބަދަލުކޮށް، އާ އިންޖީނުގެތައް ބަހައްޓައި، ނެޓްވޯރކް އަޅަމުންދާކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. މިއަދު ސްކޫލް ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލްގެ ވާހަކަ އިވެނީ މަދު ރަށަކުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާތަނަށް އައިއިރު 1570 ކުލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލް އެކި ރަށުގައި އަޅާ ނިންމައިފިން، ދިއްދޫގައި ވެސް އަޅާ 12 ކުލާސްރޫމާއި އޮފީސް އިމާރަތް އެދަނީ ނިމެމުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމްގެ ދަށުން މިހާރު ވެސް 18000 ދަރިވަރުން ކިޔަވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ނެތިގެން ޒުވާނުން ކުރި ޝަކުވާތަކަށް ވެސް މި ސަރުކާރުން ހައްލު ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން މި ފަސްއަހަރުގެ ތެރޭގައި އެކަނިވެސް ރާއްޖޭގެ އެކި ރަށްރަށުގައި 41 ފުޓުބޯޅަ ދަނޑު އަޅާ ނިންމާފައިވާ ކަމަށާއި، އަދި އެއަށްވުރެ ގިނަ ފުޓުބޯޅަ ދަނޑުތައް އަޅަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"70 ފުޓުސަލް ދަނޑު އެޅިއްޖެ، 17 ވޮލީ ކޯޓް އެޅިއްޖެ، އެއަށްވުރެ ގިނައިން މިނިސްޓަރ މަހުލޫފް އެބަ މަސައްކަތް ކުރަށްވާ،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން