ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމާއި މަޝްވަރާކޮށް އެެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ތާއިދު ހޯއްދެވުމަށް ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ގެއަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަ ދައްކަވަމުންނެެވެ. ޕީޕިއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ޔާމިން އަބުދުލްގައްޔޫމާއި މީގެ ކުރިން ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވީ ގައުމުގެ މިއަދުގެ ހާލަތަށް ބަލައި ޔާމިންއާއި އޭނާ މަޝްވަރާކުރަށްވައި ގޮތެއް ނިންމުން އެއީ މުހިންމު ކަމެއް ކަމަށާއި ވަރަށް ގިނަ ޕީޕިއެމްގެ މެމްބަރުން އެގޮތަށް އެދެމުންދާ ކަމަށެވެ.

އެހެންކަމުން ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މިހާރު ޖަލު ހުކުމެއްގައި ހުންނެވި ޔާމިނާއި މަޝްވަރާ ކުރަށްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ޕީޕިއެމަށް ގެއްލުންވާނެ އެއްވެސް ކަމެއް އޭނާ ނުކުރަށްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނާއި ޔާމިން އާއި ވާހަކަ ދައްކާލައިގެން، ކޮންމެވެސް ކަހަަލަ އެއްބަސްވުމަކަށް އާދެވިދާނެ ކަން ނޭނގޭ، އަޅުގަނޑުމެން އުއްމީދުކުރަން އެހެން ވެދާނެ ކަމަށް. އެހެންވެއްޖެއްޔާ ވެސް ވަރަށް ރަނގަޅު އެކަމަކު މުޅި ގައުމުގެ މަސްލަހަތަށް ބަލާއިރު ޔާމިން އާއި އަޅުގަނޑާއި މަޝްވަރާކޮށްފައި ގޮތެއް ނިންމުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެނީ،" އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ ޕީޕިއެމަކީ އޭނާއާއި ރައީސް ޔާމިނާއި ރައީސް މައުމޫން އުފެއްދެވި ޕާޓީއެެއް ކަމަށާއި، އެޕާޓީ ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އެހެން ނަމަވެސް ޕީޕިއެމާއި ގުޅިވަޑައިގެންފިނަމަ އެޕާޓީ ފަޅައިގެންދިޔުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމުގެ ސަބަބުން ޕާޓީގެ ތެރޭގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"އަހަރެން ޕީޕިއެމަށް ވަދެއްޖެއްޔާ ޕިޕީއެމް ފަޅައިގެން ދިޔުމުގެ ފުރުސަތު އޮންނާނެ ވަރަށް ބޮޑަށް، ފެންނާނެ ޑީއާރުޕީ ފަޅައިގެން ދިޔަ މަންޒަރު، އެއީ އެއް އުރައެއްގައި ނޯންނާނެ ދެ ކަނޑިއެއްް، އަޅުގަނޑު ވަރަށް ލޯބިވޭ ޕީޕިއެމް ދެކެ، ޕީޕިއެމް މެމްބަރުން ވެސް އަޅުގަނޑު ދެކެ ވަރަށް ލޯބިވާ ކަން އެނގޭ،" އުމަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން