ގައުމުތަކުގައި މުސްހަފް އެންދުމަށް ތަކުރާރުކޮށް ހުއްދަދެމުންދަނީ ގަސްތުގައި މުސްލިމުން ރުޅިއެރުވުމުގެ ބޭނުމަށްކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެކަން ހަރުކަށި ޢިބާރާތުން ކުއްވެރިކުރަށްވައިފިއެވެ.

ގާސިމް މިކަން ކުއްވެރި ކުރެއްވީ ހިޔާލު ފާޅުކުރުމުގެ ނަމުގައި ސްވިޑަންގައި އަނެއްކާވެސް ގުރުއާން މުސްހަފްތަކަކަށް ގެއްލުންދިނުމަށް ހަރަކާތެއް ބޭއްވުމުންނެވެ.

ގާސިމް ވަނީ ގުރުއާން މުސްހަފް އެންދުމަށް ތަކުރާރުކޮށް ސްވިޑަންއިން ހައްދުފަހަނައަޅާފައިވާ މީހުންނަށް ހުއްދަ ދެމުންދަނީ އެއްވެސް ޒިންމާދާރުކަމެއް ނެތިކަމަށް ވިދާޅުވެ އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަށްވާފައެވެ.

ގާސިމް ވިދާޅުވީ މުސްހަފް އެންދުމަށް ހިންގާ އަމަލުތަކަކީ ރޭވިގެން، ދުނިޔޭގެ އުޅޭ އެތައް މިލިއަން މުސްލިމުން ރުޅި އެރުވުމުގެ ބޭނުމަށް ބަޔަކު ގަސްތުގައި ހިންގާ އަމަލުތަކެއްކަމަށެވެ. އަދި އެންމެފަހުން ހިންގި އަމަލުތަކާއެކު މިކަމުގެ ނުރައްކާ އޮތް ހިސާބު ހާމަވަމުންދާކަމަށް ގާސިމް ވިދާޅުވިއެވެ.



ބުރާސްފަތި ދުވަހު ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އިރާގު އެމްބަސީ ކުރިމަތީގައި ދެ މީހަކު ވަނީ މުސްހަފްތަކަކަށް އިހްތިރާމް ކުޑަކުރުމުގެ އަމަލުތަކެއް ހިންގާފައެވެ. މިކަން ރޭވީ މީގެކުރިން ޖޫން 28 ވަނަ ދުވަހު ސްވިޑަންގައި މުސްހަފް އެނދުމުގައި އިސްކޮށް އުޅުނު ސަލްވާން މޮމިކާއެވެ. 37 އަހަރުގެ މި މީހާއަކީ އިރާގުން ސްވިޑަންއަށް ހިޖުރަކޮށްގެން އުޅޭ މީހެކެވެ.

މި މައްސަލައިގައި އިސްލާމީ ބޮޑެތި ގައުމުތަކުން ވަނީ ސްވިޑަންގެ ސަރުކާރު ކުއްވެރިކޮށްފައެވެ. އަދި އެ ގައުމުތަކުގައި ތިބި ސްވިޑަންގެ ސަފީރުން ހާރިޖީ ވުޒާރާތަކަށް ހާޒިރުކޮށްފައިވެސްވެއެވެ.

ބައެއް ގައުމުތަކުގައި ދަނީ މުޒާހަރާވެސް ކުރަމުންނެވެ. އަދި އިރާގުގައި ކުރިއަށްދިޔަ މުޒާހަރާގައި އެ ގައުމުގައި ހުންނަ ސްވިޑަންގެ އެމްބަސީއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން