ސިންގަޕޫރު ހައި ކޯޓުގައި ކުރިއަށްދިޔަ ކޯޓު އަޑުއެހުމަށްފަހު ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މިރޭ ރާއްޖެ ވަޑައިގަންނަވާނެކަމުގެ ހަބަރު ލިބިއްޖެއެވެ.

ސިޔާމް މިރޭ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، ބައެއް ފަރާތްތަކުން މީގެ ކުރިން ހަބަރު ފަތުރާފައިވަނީ ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށާއި، އަދި އޭނާ އެ ގައުމުން ފުރުންވެސް މަނާކޮށްފައިވާކަމަށް ބުނެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސިޔާމް ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވާކަމަށާއި، އަދި އޭނާ ސިންގަޕޫރުން ފުރުންވެސް މަނާކޮށްފައި ނުވާކަމަށެވެ. އަދި މިރޭ ސިންގަޕޯރ އެއަރލައިންސްއިން ރާއްޖެ ވަޑައިގަންނަވާނެކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އޭނާއާ ގުޅޭގޮތުން ފަތުރާފައިވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެކަން ކުރީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިންގަޕޫރު ހައި ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ނިންމާފައިވަނީ ސިޔާމްގެ ކުންފުނިން ހިލްޓަންއަށް ދައްކަންޖެހޭ 24 މިލިއަން ޑޮލަރު 3 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ސިޔާމް ވިދާޅުވީ އޭނާ ހުންނެވީ ހިލްޓަންއަށް ދައްކަންޖެހޭ ފައިސާ ދައްކަވަން ތައްޔާރަށްކަމަށެވެ.

ހިލްޓަންއާއި ސަން ކުންފުންޏާއި ދެމެދު މައްސަލަ އުފެދުނީ ހިލްޓަނާއި ހަވާލުކޮށްފައި އޮތް އިރުފުށި ރިސޯޓް ސަންއިން އަތުލުމުންނެވެ. އެ މައްސަލައިގައި އާބިޓްރޭޝަނުން ނިންމާފައި އޮތީ ސަން އިން އެއްބަސްވުން ބާތިލްކުރީ ގޯސްކޮށްކަމަށެވެ. އަދި ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ހިލްޓަންއަށް ދޭން ވަނީ ހުކުމްކޮށްފައެވެ.

ނަމަވެސް މިހާތަނަށް އައިރު މި ފައިސާ ދައްކާފައި ނުވާތީ ހިކްޓަންއިން ރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށަހެޅި ނަމަވެސް މާބޮޑު ކުރިއެރުމެއް ނުލިބުމުން ހިކްޓަންއިން ދިޔައީ ސިންގަޕޫރުގެ ހައި ކޯޓަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން