ޔޫކްރެއިނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ ޤައުމާއެކު ވިޔަފާރިކުރުން ނުވަތަ އެ ޤައުމަށް މުދާ އެކްސްޕޯޓްކުރުން ވަނީ ހަރުކަށިކޮށްފައެވެ. އެކަމުގެ ސަބަބުން ހުޅަނގުގެ ކުންފުނިތަކުން އުފައްދާ ބައެއް ތަކެތި ރަޝިޔާއަށް އެކްސްޕޯޓްކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ދަތިކުރުމުގެ މިފަދަ ފިޔަވަޅުތަކުން ސަލާމާތްވާން ޔޫރަޕާއި އެމެރިކާގެ ބައެއް ކުންފުނިތަކުން ކުރާ އެއް ކަމަކީ ސީދާ އެ ޤައުމަކުން މުދާ ފޮނުވުމުގެ ބަދަލުގައި، އެހެން ޤައުމެއް މެދުވެރިކޮށް އެ ބޭނުންވާ ޤައުމަކަށް މުދާ ފޮނުވުމެވެ. އަދި އެހެން ބަޔަކު މެދުވެރިކޮށް ބޭނުންވާ މަންޒިލަށް މުދާތައް ފޮނުވައިގެން ވިޔަފާރިތައް ކުރިއަށް ގެންދިއުމެވެ.

ބައިނަލްއަޤްވާމީ އެވޯޑްތައް ލިބިފައިވާ ޖަޕާނުގެ ކުންފުންޏަކަށް ނިސްބަތްވާ މީޑިއާއެއްކަމަށްވާ ނިކެއި އޭޝިޔާއިން ހިންގި ތަހުގީގީ ދިރާސާއަކަށްފަހު ބުނީ ހުޅަނގުން އަޅާފައިވާ ފިޔަވަޅުތަކުން ރެކިގެން ރަޝިޔާއަށް މުދާ ފޮނުވުމަށް ބޭނުންކުރާ އެއް ޓްރާންސިޓް ޕޮއިންޓް ނުވަތަ މުދާތައް އެހެން ބޯޓަކަށް ލޯޑުކުރުމަށް ބަނދަރުކުރާ އެއް މަންޒިލަކީ ދިވެހިރާއްޖެކަމަށެވެ.

އިންޑިއާގެ ރީސާޗު ކުންފުންޏެއް މެދުވެރިކޮށް ނިކެއި އޭޝިޔާއިން ހޯދާފައިވާ ކަސްޓަމްސް ކްލިއަރެންސް މައުލޫމާތުތަކެއް ދިރާސާކުރުމަށްފަހު ނިކެއި އޭޝިޔާއިން ބުނީ އެމެރިކާގައި އުފައްދާފައިވާ 4 ލައްކަ ސެމީ ކޮންޑަކްޓަރު ރާއްޖެމަގުން ރަޝިޔާއަށް މިދިޔަ އަހަރު އެކްސްޕޯޓްކޮށްފައިވާކަމަށެވެ. އިލެކްޓްރޯނިކް އެކި ތަކެތި އުފެއްދުމަށް ބޭނުންކުރާ ސެމީ ކޮންޑަކްޓަރުތަކުގެ މި ޝިޕްމަންޓްތަކުގެ އަގު 53 މިލިއަން ޑޮލަރަށް އަރާކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

ނިކެއިން ބުނާގޮތުން ރަޝިޔާއަށް މުދާ އެކްސްޕޯޓްކުރާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުުގައި އެތައް ޤައުމެއް ބޭނުންކުރަމުންދާއިރު، ރާއްޖެއަކީ ދެވަނައަށް އެންމެ ގިނައިން މިގޮތަށް ރަޝިޔާއަށް މުދާ އެކްސްޕޯޓްކުރާ ޤައުމުކަމަށެވެ.

ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ސެމީ ކޮންޑަކްޓަރު ފޮނުވާފައިވަނީ ރަޝިޔާއިން ޔޫކްރެެއިނާއި ދެކޮޅަށް ހަނގުރާމަ ފެށި އަަހަރުއެވެ. މިއީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން ކުރިކަމެއްކަން ދޭހަވާކަން ހާމަކުރަމުން ނިކޭއިން ބުނީ އޭގެކުރީ އަހަރު އެ މުއްދަތުގައި ރާއްޖެއިން ރަޝިޔާއަށް އެފަދަ އެއްވެސް އެކްސްޕޯޓެއް ނެތްކަމަށެވެ.

މީޑިއާއަކުން ހިންގި އިންވެސްޓިގޭޓިވް ރިޕޯޓުގައި ހާމަކުރި ގޮތުގައި 2021 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އެކްސްޕޯޓް 280 މިލިއަން ޑޮލަރުގައި އުޅޭއިރު، ޖެހިގެން އައި އަހަރު ރަޝިޔާއަށް އެކްސްޕޯޓްކުރި ސެމީކޮންޑަކްޓަރުތަކުގެ ޝިޕްމަންޓްގެ އަގަކީ ރާއްޖޭގެ ޖުމްލަ އެކްސްޕޯޓްގެ ވިއްސަކަށް އިންސައްތަކަމަށެވެ. އެ ރިޕޯޓްގައި ބުނާގޮތުން ރަޝިޔާގެ އެއިރޯފްލޮޓްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު އެކްސްޕޯޓްކުރި ސެމީ ކޮންޑަކްޓަރުތަކުގެ އަދަދުވެސް އިތުރުވާން ފެށިއެވެ.

އެ ރިޕޯޓްގައި އެންމެ ހައިރާންކުރަނިވި ކަމެއްގެ ގޮތުގައި ނޫސްވެރިން ފާހަގަކުރީ ރާއްޖެއަކީ އިލެކްޓްރޯނިކް އެކި ޑިވައިސްތައް އުފައްދަން ބޭނުންކުރާ ސެމީ ކޮންޑަކްޓަރު އުފައްދާ، ނުވަތަ އޭގެ މާކެޓެއްވެސް އޮތް ޤައުމެއް ނޫންކަމެވެ. އަނެއްކޮޅުން ރާއްޖެއިން ރަޝިޔާއަށް އެ ތަކެތި ފޮނުވި 14 ކުންފުންޏަކީވެސް ރާއްޖޭގެ ކުންފުނިތަކަކަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށްވެސް ނުވުމެވެ.

އޭގެތެރެއިން އެއް ކުންފުންޏަކީ ލަންޑަންގައި ޤާއިމްކޮށްފައިވާ މައިކައިންސް ކޯޕަރޭޝަނެވެ. އެ ކުންފުނިން ވަނީ 40 މިލިއަން ޑޮލަރުގެ މުދާ ރަޝިޔާއަށް ރާއްޖެ މަގުން އެކްސްޕޯޓްކޮށްފައެވެ. މީގެކުރިން އިނގިރޭސިވިލާތުގެ ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނިން ރާއްޖެ މަގުން ރަޝިޔާއަށް އެކްސްޕޯޓްކުރި ތަކެތީގެ އަގު 1.2 ބިލިއަން ޑޮލަރަށް އަރާނެއެވެ. ނިކެއިގެ ތުހުމަތުތަކަށް މައިކައިންސް ކުންފުނިން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް މުދާ އެކްސްޕޯޓްކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ހޮންގކޮންގެ ޕިކްސެލް ޑިވައިސަސް ކުންފުނިން މުދާ އެކްސްޕޯޓްކުރާކަމަށް އެއްބަސްވެއެވެ. އަދި އެކަމުގައި ހޮންގކޮންގެ ޤާނޫނުތަކާއި ހިލާފަށް އަމަލުނުކުރާނޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ނިކެއިން ވަނީ މިކަމުގައި ރާއްޖޭގެ ބައެއް މީހުންގެ ފަރާތުންވެސް މައުލޫމާތުތައް ހޯދާފައެވެ. އެގޮތުން ފިޔަވަޅުތަކުން ރެކިގެން ރަޝިޔާއަށް މުދާ އެކްސްޕޯޓްކުރާނަމަ ޝިޕްމަންޓްތަކުގެ ލިޔެކިޔުންތަކުގައި ހިމެނޭ މުދާ އަންނަ މަންޒިލާއި ގުޅޭ ތަފްސީލްތައް ހިމެނޭ މުދާ ވޭބިލްގައި "ނޮޓިފައި ޕާޓީ" ގޮތުގައި ރާއްޖޭގެ ކުންފުންޏެއްގެ ނަން ހިމަނައިގެން އެކަމް ކުރެވޭނެކަމަށް ރާއްޖޭގެ ޝިޕިންގ އިންޑަސްޓްރީގައި އުޅޭ ބައެއް ފަރާތްތަކާއި ހަވާލާދީ ނިކެއިން ނޫޙުން ބުނެއެވެ.

ބައިނަލްއަޤްވާމީ އުސޫލުތައް އޮންނަގޮތުން އިތުރު ޤައުމެއްގައި ޓްރާންސިޓްކޮށްފައި މުދާ އެކްސްޕޯޓްކުރާނަމަ އަަމަލުކުރާ ދެ ގޮތެއް އޮވެއެވެ. އެއްްގޮތަކީ ރީ އެކްސްޕޯޓްކުރުމެވެ. ރީއެކްސްޕޯޓްކުރާނަމަ ފުރަތަމަ މަންޒިލުން ދެވަނަ މަންޒިލަށް މުދާ ބޭލުމަށްފަހު، ކްލިއަރކުރުމަށްފަހު، 3 ވަނަ މަންޒިލަށް ފޮނުވުމަށް އަނެއްކާވެސް އިތުރު ކަނޑު އުޅަނދަކަށް ނުވަތަ އެއަރކްރާފްޓަކަށް އެ މުދާ ލޯޑު ކުރާނެއެވެ. ރީ އެކްސްޕޯޓްކުރިނަމަވެސް ލިޔެކިޔުންތަކުން ޝިޕްމަންޓް ތަފްސީލްތަކަށް ބަދަލެއް ނުގެވޭނެއެވެ. އިތުރު ގައުމެއް މެދުވެރިކޮށް މުދާ އެކްސްޕޯޓްކުރާ އަނެއްގޮތަކީ ޓްރާންސްޝިޕްމަންޓެވެ. ރީއެކްސްޕޯޓާއި ހިލާފަށް ޓްރާންސްޝިޕްމަންޓްގައި ކަސްޓަމްސް ކްލިއަރެންސެއް ނެތި، މުދާ އެކްސްޕޯޓްކުރަން ޖެހޭ ޤައުމަށް ފޮނުވާލާނެއެވެ.

ނިކެއިން ވަނީ ރާއްޖެއިން ރަޝިޔާއަށް ރީއެކްސްޕޯޓްކުރި މުދަލާއި ޓްރާންސްޝިޕްކުރި މުދަލުގެ ތަފްސީލާއި ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ސުވާލުކޮށް މައުލޫމާތު އެއްޮކޮށްފައެވެ. އެގޮތުން ރާއްޖެއިން ރީއެކްސްޕޯޓްކޮށްފައިވަނީ އެންމެ 10 ޑޮލަރުު ނުވަތަ 169 ރުފިޔާގެ ސެމީކޮންޑަކްޓަރުކަމަށް ލިޔެކިޔުންތަކުން ދައްކައެވެ. ނަމަވެސް ރާއްޖެ މެދުވެރިކޮށް ހިނގާ ޓްރާންސްޝިޕްމަންޓްތަކުގެ ތަފްސީލް އާއްމުނުކުރާކަމަށް ރާއްޖޭގެ ކަސްޓަމްސްއިން ބުނެފައިވާކަމަށް ނިކެއި ނޫޙުން ބުނެއެވެ.

ރާއްޖެއިން އެ މައުލޫމާތު ނުލިބުނަސް ރަޝިޔާގެ ކަސްޓަމްސް ކްލިއަރަންސް ޑޭޓާތައް ދައްކާގޮތުން ރާއްޖެ ލިސްޓްކޮށްފައި ވަނީ އެ ޤައުމަށް ސެމީކޮންޑަކްޓަރު އެކްސްޕޯޓްކުރާ ޤައުމެއްގެ ގޮތުގައެވެ.

ނިކެއިން ބުނާގޮތުން އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށްވެސް މިކަން އައިސްގެން، އެ މީހުންވެސް ދަނީ ގާތުން ބަލަމުންނެވެ. އެމެރިކާ ކޮމާސް ޑިޕާޓްމަންޓް ނުވަތަ ވިޔަފާރިތަކާއިބެހޭ ވުޒާރާއިން ބުނާގޮތުން މިދިޔަ އަހަރުގެ މާޗުމަހު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އިންޓަރނޭޝަނަލް މޯލްޑިވްސް ނަަމަކަށް ކުންފުންޏަކުން ދަނީ ރަޝިޔާގެ އޭވިއޭޝަން ސިނާއަތަށް ބޭނުންވާ ބައެއް ތަކެތި އެކްސްޕޯޓްކުރަމުންނެވެ. އެ ކުންފުނީގެ ހެޑް އޮފީސް މާލޭގައި ހުންނައިރު، އެ އޮފީހަށް ގުޅައިގެން އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ޖަވާބު ނުދީ ފޯނު ބާއްވާފައިވާކަމަށް ނިކެއިން ބުނެއެވެ. އަދި އެ ކުންފުނީގެ އޮފީސް ހުންނަކަމަށް ބުނާ އިމާރާތަށް ދިޔައިރު އިމާރާތުގެ ބޭރުގައި އިންޓަރނޭޝަނަލް މޯލްޑިވްސްގެ ނަން އޮތަސް އިމާރާތުގެ ތެރޭގައި ހުރި ބޯޑެއްގައި ހުރީ މުދާ ކްލިއަރކުރާ އެހެން ކުންފުންޏެއްގެ ނަން ބޯޑުކަން ނޫސްވެރިން ފާހަގަކުރެއެވެ.

ދަތިކުރުމުގެ ފިޔަަވަޅު އަޅާފައިވާ ޤައުމަކަށް ރާއްޖެއިން މުދާ އެކްސްޕޯޓްކޮށްގެން ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަމަށް އައިސްފައިވާއިރު، މީގެ އަހަރުތަކެއް ކުރިން ހަމަ މިފަދަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެފަހަރު ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަމަށް އައީ ރާއްޖެއިން ބަރުމާއަށް ތެޔޮ ވިއްކިކަމަށް ބުނާ މައްސަލައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އެ މައްސަލަ ބަލަން ކޮންމެވެސް ވަރަކަށް މަސައްކަތްކުރިއެވެ. ނަމަވެސް ފަހުން އެކަމަށް ވީގޮތެއް ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން