މިއަދުގެ ހުކުރު ހުތުބާގައި ޢާޝޫރާ ދުވަހާ ގުޅިގެން ގެނެސްފައިވާ ވާހަކަތަކަކީ ރަސޫލާގެ ޙަދީޘެއްކަމަށް ހުތުބާގައި ބުނެފައި ނުވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު މިރޭ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ މިއަދުގެ ހުކުރު ހުތުބާގައި ޢާޝޫރާ ދުވަހާ ގުޅިގެން ސާބިތު ނުހިފޭ ވާހަކަަތައް ހުރިކަމަށް ބުނެ ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަައެވެ.

މިއަދުގެ ހުކުރު ހުތުބާގައި އޮތް އެއް ވާހަަކައަކީ "ނޫހުގެފާނާއި އެކަލޭގެ ފާނަށް އީމާންވީ މީހުން ތޫފާނުން ސަލާމަތް ކުރެއްވީ އާޝޫރާ ދުވަހުގައެވެ. އިބްރާހީމްގެފާނު އަންދާލުމަށް ލަޢުނަތް ލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އިބްރާހީމްގެފާނު ސަލާމަތް ކުރެއްވީ އާޝޫރާ ދުވަހުގައެވެ. ޔޫސުފްގެފާނުގެ އަޚުންގެ ނުބައި ރޭވުންތަކުން ޔޫސުފްގެފާނު ސަލާމަޔްކުރެއްވުމަށް ފަހު އެކަލޭގެފާނު ބަފައިކަލުން ޔަޢުގޫބުގެފާނާ އަލުން ބައްދަލުވަޑައިގަތީ އާޝޫރާ ދުވަހުގައެވެ. ޔޫނުސްގެފާނު މަހުގެ ބަނޑުތެރެއިން ސަލާމަތްވެ ވަޑައިގަތީ ވެސް އާޝޫރާ ދުވަހުއެވެ. އައްޔޫބުގެފާނު އިމްތިހާނު ކުރެއްވުމުގެ ގޮތުން އެކަލޭގެފާނަށް ޖެއްސެވި ދިގު މުއްދަތުގެ ބޮޑު އާލާސްކަންފުޅުން، އެކަލޭގެފާނު ސަލާމަތްކުރެއްވީ އާޝޫރާ ދުވަހުއެވެ،" މިހެންނެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އާޝޫރާ ދުވަހާ ގުޅިގެން ސާބިތުވަނީ އެއީ މޫސާގެފާނު ފިރުޢައުނު ކިބައިން ސަލާމަތްވި ދުވަސްކަމުގައިކަމަށެވެ. އަދި އެނޫން ނަބީބޭކަަލުންނާ އެދުވަހާ ގުޅުވައިގެން ބައެއް ފޮތްތަކުގައި އައިސްފައިވާކަމަށް ޚުޠުބާގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ ޞައްޙަ ވާހަކަތަކެއް ނޫންކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމްގެ އިތުރުންވެސް ބައެއް އެހެން އިލްުމުވެރިންވެސް އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނިކޮށް އިސްލާމިކް މިިނިސްޓަރ ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ މައްސަލަ ސަމާލުކަމަށް އައިސްގެން ބަލާލިއިރު ރަސޫލާ (ސއވ) އަށް ނިސްބަތް ކުރައްވާ ހަދީޘްއެއް ކަމަކަށް ހުތުބާގައި ބުނެފައި ނުވާކަމަށެވެ. އަދި އާޝޫރާ ދުވަހާއި ގުޅިގެން ހުތުބާގައި އޮތީ ތަފްސީރު ފޮތްފޮތުގައި ތަފްސީރު އިލްމުވެރިން އެގޮތަށް ވާހަކަ ދައްކަވާފައި އޮތް ވާހަކަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ތަނުގައިވެސް ޚުތުބާގެ ކަންކަން މިއަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން