ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަށް ވުމުގެ ޝައުގެއް ނެތް ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޔާމް މިހެން ވިދާޅުވީ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ. ސިޔާމް ވިދާޅުވީ ރައީސްގެ ރަނިންމޭޓަކަށް ވުމުގެ ޝައުގެއް އެއްގޮތަކަށް ވެސް ނެތް ކަމަށެވެ.

"އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަމެއް ނެތް, އެހެން ނަމަވެސް އެކަން މަޖުބޫރުވާ ހާލަތެއްގައި ނުކުރާނެ ވާހަކައެއް ނޫން މި ބުނީ،" ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރަށްވާ ސިޔާމް ވިދާޅުވި އެވެ.

ސިޔާމް މިރޭ ވެސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ސޯލިހު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ރައީސްގެ ކޯލިޝަނަކީ އެންމެ ބޮޑު ކޯލިޝަން ކަމަށްވެސް ސިޔާމް ވަނީ ފާހަގަކުރަށްވާފައެވެ.

ވ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅަށްފަހު މީޑިޔާތަކާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެފައިވަނީ ރަނިންމޭޓު ކަނޑައެޅުމަކީ އެމަނިކުފާނު މިވަގުތު އެންމެ ބޮޑަށް ވިސްނަވާ މައްސަލަ ކަމަށެވެ. އަދި އެކަމުގައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި، ކޯލިޝަނުގެ ތެރެއިން ރަނިންމޭޓަކު ނެރުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން