ސަން ކުންފުނީގެ ދަރަންޏަކަށް ސަރުކާރުން ޒިންމާވާން ނުޖެހޭނެ ކަމަށާއި އޭނާއަކީ އަމިއްލައަށް ފައިސާ ދެއްކޭ ވަރުގެ ތަނަވަސްކަން ހުރި ބޭފުޅެއް ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން މީޑިޔާތަކާއި ބައްދަލުކުރަށްވައި ވާހަކަ ދައްކަވަމުން އަހުމަދު ސިޔާމް މުޙައްމަދު ވިދާޅުވީ، ސަން ޓްރެވަލްގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނަނުން ހިލްޓަން އިންޓަރނޭޝަނަލްއަށް ބަދަލުގެ ގޮތުގައި ދޭން ހުކުމްކޮށްފައިވާ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ދެއްކުމަށް އެދިފައި ނޯންނާނެ ކަމަށެވެ. އަދި އޭނާގެ ކުންފުނީގެ އެއްވެސް ދަރަންޏަކަށް ސަރުކާރުން ޒިންމާވާން ނުޖެހޭނެ ކަމަށާއި އޭނާ އަކީ އަމިއްލައަށް ފައިސާ ދެއްކޭ ވަރުގެ ތަނަވަސްކަން ހުރި ބޭފުޅެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ހަގީގަތުގައި ދިވެހި ރައްޔިތަކަށް އެއްވެސް ކަމެއް ދިމާވާ ކަމަށް ވަންޏާ ރާއްޖޭގެ ސަރުކާރުން އާދައިގެ މީހަކަށް ވެސް ކޮންމެ މީހަކަށް ވިޔަސް ކަމެއް ދިމާވީމަ ސަރުކާރުން އެކަމާ ދޭތެރޭ ވިސްނަންޖެހޭނެ، ލާރި އަޅުގަނޑަށް ދިވެހި ސަރުކާރުން ދައްކާފައެއް ނެތް، ދައްކަން އަޅުގަނޑު ރިކުއެސްޓެއް ވެސް ނުކުރަން،" ސިޔާމު ހިލްޓަނުން ދައްކަންޖެހޭ ފައިސާ ދައްކަން ސަރުކާރުން ދައްކަން ނިމްމި ކަމަށް ދެކެވޭ ވާހަކަތަށް ދޮގު ކުރަށްވަމުން ސިޔާމް ވިދާޅުވިއެވެ.



ސިޔާމް ވިދާޅުވީ ސަރުކާރަށް ވެސް ލޯނު ނުދޭ ބައެއް ދުނިޔޭގެ ބޮޑެތި ބޭންކުތަކުން އޭނާއަށް ފައިސާ ދޫކުރާ ކަމަށެވެ. ސިޔާމް ވިދާޅުވީ އެ ބޭންކުތަކުން އެގޮތަށް ފައިސާ ދޫކުރަނީ އޭނާގެ މާޒީއަށް ބެއްލެވުމަށް ފަހުގައި ކަމަށެވެ. އަދި، އެއީ ވިޔަފާރީގައި އޭނާއަށް އޮންނަ އިތުބާރު ބޮޑު ކަމުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ލާރި ހޯދަނީ ދުނިޔޭގެ އެކި ބޭންކްތަކުން. އަޅުގަނޑަކީ ދުނިޔޭގެ ހުރިހާ ބޭންކަކުން ލާރި ނާގާފައި ހުރި މީހެއް. ޔޫރަޕިއަން ބޭންކް, އެއީ 21 ޤައުމު ހިމެނޭ ބޭންކްތަކެއް, އެ ބޭންކްތަކުން ވެސް އަޅުގަނޑު ވާނީ ވަރަށް ގިނަ ލާރި ނަގާފައި, އެގްޒިމް ބޭންކުން ވަނީ ލާރި ނަގާފައި, އަދި ފްރާންސް ސަރުކާރުން ވެސް ވަނީ ލާރި ނަގާފައި," ރާއްޖޭގެ އެންމެ ފުންނާބު އުސް ވިޔަފާވެރިންގެ ތެރޭގައި ހިމެނޭ ސިޔާމް ވިދާޅުވިއެވެ.

ސިޔާމް މިރޭ ވިދާޅުވީ ހިލްޓަން މައްސަލާގައި ސިންގަޕޫރުން އޭނާ ޕާސްޕޯޓު ހިފަހައްޓާފައިނުވާ ކަމަށެވެ. އަދި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ސިންގަޕޫރުން ފުރުން މަނާކުރި ކަމަށް ބުނެ ދޮގު ހަބަރު ރާއްޖޭގައި ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަަމަށް ސިޔާމް ތުހުމަތުކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން