ދިރާސީ އައު އަހަރު ފަށާނީ ހުރިހާ ސްކޫލަކަށް ޓީޗަރުން ހަމަކޮށްގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަހަރުގެ ދިރާސީ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 6 ވަނަ ދުވަހުއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އަހަރު ފެށެންވާއިރަށް ހުރިހާ ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން 14 ސްކޫލެއްގައި ބިދޭސީ ޕްރިންސިޕަލުން ހަރަކާތްތެރިވާނޭ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ހޯދުމުގެ މަސައްކަތް މިދިޔަ މާރްޗްމަހުން ފެށިގެން ކުރަމުން އަންނަކަމަށާއި އަންނަމަހު ކިޔެވުން ފަށާއިރު ހުރިހާ ސްކޫލްތަކަކަށް ޓީޗަރުން ހަމަވާނެކަމަށެވެ. އަދި ރާއްޖެ އަންނަ ޓީޗަރުން ހުށަހަޅާ ސެޓްފިކެޓުތަކުގެ ޔަޤީންކަން ކަށަވަރު ކުރާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމް.ކިޔު.އޭއިން ކަމަށްވެސް، އެޑިއުކޭޝަނުން ބުނެއެވެ.

ޓީޗަރުންގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓު ފޮތްތަކެއް ސްކޫލުތަކަށް ހަވާލު ކުރެވިފައިވާކަމަށާއި އަދި މިހާރު ކުރިއަށްދަނީ ސްކޫލުތަކަށް ހަވާލުކުރެވިފައިވާ ފޮތްތައް ޗެކްކުރުމަށްފަހު، ހަމަނުވާ ފޮތްތައް ހަމަކޮށްދިނުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓްރީން ބުނެއެެެވެ. އަދި މަދުވާ ޓެކްސްޓް ފޮތްތައް، މިމަހުގެ 31ގެ ނިޔަލަށް ހުރިހާ ސްކޫލަކަށްވެސް ހަވާލުކޮށް ނިމޭނެކަމުގެ ޔަގީންކަން މިނިސްޓްރީން ދެއެވެ.

އަންނަ ދިރާސީ އަހަރު މާލެ ސަރަހައްދުގައި އައު 3 ސްކޫލެއްގައި ކިޔަވާއިދޭން ފަށާނެއެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ޞަލާޙުއްދީން ސްކޫލާއި، ހުޅުމާލޭ އެއް ވަނަ ފިޔަވަހީގައި ހުޅުވާ ސީއެޗްއެސްސީގެ އައު ޢިމާރާތާއި، މާލޭގައި ހުޅުވާ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޝަނީ

16-Aug-2023

ބިދޭސީ ޕްރިންސިޕަލުން ބޭނުމެއްނޫން. ތަން ހަލާކުވުން ނޫން ކަމެއް ނުވޭ. ވާކަމެއް ހަރާން. ދިވެހިން ނެރެބަލަ މިނިސްޓަރ.



ޓްރެންޑިން