ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ފޯމް ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން ފަށައިފިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަަދު ވަނީ ހުޅުވާލާފައެވެ. އެގޮތުން މާދަމާ ހެނދުނު 9:00 އިން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 2:00އަށް ވަނީ ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މިފަހަރުގެ ރިޔާަސީ އިންތިހާބުގައި ވާދަކުރާނެކަމަށް އިއުލާންކޮށްފައިވަނީ ޕީޕީއެމް، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއެވެ. މި ޕާޓީތަކުން ވަނީ ކެންޑިޑޭޓުންނަށް ރިޔާސީ ޓިކެޓްވެސް ހަވާލުކޮށްފައެވެ.

ޕީޕީއެމުން ބުނީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމާއި، އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށެވެ. އަދި ރައީސް ޔާމީންގެ ފޯމު ހުށަހަޅާ ދުވަސް މީޑިއާތަކަށް އަންގަވާނޭކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

ރައީސް ޔާމީންގެ ކެނޑިޑަސީ ހުށަހަޅަން މަސައްކަތް ފެށިނަމަވެސް، އެމަނިކުފާނަށް އިއްވާ ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނުގެ ކެންޑިޑަސީ ބަލައިގަތުން އޮތީ ސުވާލެއްގެ ތެރޭގައެވެ. ޤާނޫނީ ބޭފުޅުންނާއި ސިޔާސީ ބޭފުޅުން ލަފާކުރައްވާ ގޮތުގައި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ސުޕްރީމް ކޯޓަށް އެ މަނިކުފާނުގެ ކެންޑިޑަސީގެ މައްސަަލަ ގޮސްގެނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް މީގެކުރިން ވިދާޅުވީ ރައީސް ޔާމީނުގެ ފޯމާއި މެދު ގޮތެއް ނިންމާނީ ފޯމް ލިބުމުންކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށް، ރިޔާސީ ޓިކެޓް ލިބިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ރައީސް ސާލިހާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި. އެމްއެންޕީގެ ލީޑަރު ނާޒިމެވެ. ރައީސް ނަޝީދުގެ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެކަން ޔަގީން ނުވިޔަސް، އެ ޕާޓީގެ ޕްރައިމަރީއަށް ހުޅުވާލުމުން މެމްބަރު އިލްޔާސް ލަބީބު ވަނީ ނަން ހުށަހަޅާފައެވެ. އަދި އެކަމަށް އޮތް ސުންގަޑި ހަމަވިއިރު އިތުރު ބޭފުޅަކު ނަން ހުށަހަޅާފައެއް ނުވެއެވެ.

ރައީސް ނަޝީދާއި ގާސިމް އަދި ކާނަލް ނާޒިމް ވަނީ ޕީޕީއެމްއިން އެއްބަސްވާނަމަ އެއް ކެނޑިޑޭޓް ނެރެން ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން