މާލޭގެ ރައްޔިތުންނަށް ސަރުކާރުން ގޯތި ދޫކުރުމާއެކު ތަންތަނުގެ ކުލިތައް ކުޑަވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެެވެ.

މާރިޔާ މިހެން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރައީސް ސާލިޙުގެ ކެމްޕޭން ޖަގަހައެއް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރެހެންދި ބީޗު ސަރަހައްދުގައި 'ފޭސް 2 ޖަގަހަ' ހުޅުވައިދެއްވީ ރައީސްގެ ކެމްޕޭން މެނޭޖަރު އަލްއުސްތާޒާ މާރިޔާ އަޙުމަދު ދީދީ އެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ކެމްޕޭނަށް މާލޭގެ ގެތަކަށް ޒިޔާރަތް ކުރެއްވުމުން އެކަމަނާއަށް ފެނިވަޑައިގަންނަވަނީ ރައީސް ސޯލިހް، މާލެ ސަރަހައްދުން ބިން ކަނޑާ ގޯތި ދެއްވަން ނިންމެވުމުން އުޖާލާވެފައިވާ މޫނުތަކެއް ކަމަށެވެ.

ރައީސްގެ ކެމްޕޭން މެނޭޖަރު މާރިޔާ ދީދީ ވިދާޅުވީ ދޫކުރާ ބިންތަކުގައި އިމާރާތްކުރެވި، ފުލެޓްތައް އެޅުމުން މާލޭގެ ކުލިތައް ކުޑަވެގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން މާލޭގައި ދިރިއުޅޭ އެންމެންނަށް ވެސް ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.



މީގެ އިތުރުން މާރިޔާ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ތާއީދު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ކެމްޕޭން ޖަގަހައެެއް ހުޅުވުމަށް މިއަދު ގިނަ ބަޔަކު އެއްވި މަންޒަރު ފެނިވަޑައިގަތުމުން ދިޔައީ ސިއްސައިގެން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ މަރުހަބާއެއް އެމްޑީޕީއަށް ހުޅުމާލޭ ދެވަނަ ފިޔަވަހީން ލިބިދާނެ ކަމަށް އުންމީދުކޮށްފައި ނުވާ ކަމަށެވެ. މާރިޔާ ވިދާޅުވީ ބައެއްގެ ފިކުރު ނުވަތަ ވިސްނުން ހުރިގޮތް ނޫން އެހެން ގޮތަކަށް ފިރުކާލުމަކީ ބުރަ އަދި އުނދަގޫ ކަމެއް ކަމަށެވެ. އެމްޑީޕީ ނިކުތީ، ފިކުރަކާއި ވިސްނުމަކާއި ތަސުއްވުރެއް ހިފައިގެން ކަމަށާއި ރައްޔިތުން މިއަދު ތިބި ގޮތަށްވުރެ ރަނގަޅު ގޮތެއް ހޯދައިދޭނެ ކަމަށް އެމްޑީޕީން ބުނަމުން ގެންދިޔަ ކަމަށް މާރިޔާ ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން