ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބުދުލްގައްޔޫމްގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް މިރޭ ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިރޭ ވިދާޅުވީ ޔާމިންގެ ފަރާތްޕުޅުން ރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތައް ސިޔާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެހެންކަމުން އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް މިރޭ ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.



ސްޕްރީމް ކޯޓަށް ޔާމިންގެ ފަރާތްޕުޅުން ހުށައެޅި ދުސްތޫރީ މައްސަލަ އެކޯޓުން ބަލައިގެންކަން ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން ގެންދަވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ސާބިތުވެ، މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒުކުރައްވަމުންނެވެ. އެމައްސަލަ ހައިކޯޓުގައި ޔާމިންގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައިވާއިރު ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާއެކު އެމައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ މެދުކެނޑިފައެވެ.

އަންނަ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން މިއަދުވަނީ ހުޅުވާލާފައެވެ. އެފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމިނަށް ލިބިވަޑައިގަންނަވާނީ މި މުއްދަތުގެ ތެރޭގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން މިނިވަންވެވަޑައިގެންނެވެ. ރައީސް ޔާމިން ޖަލުގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށައެޅުމުގެ މަސައްކަތް އިދިކޮޅުން މިހާރު އަންނަނީ ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން