ފުލުހުންގެ ތަހުގީގުތަކަށް ހާއްސަކޮށްގެން ޤާއިމްކުރި "ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގެ" ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.



ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ ސީނިއަރ އެގްޒެކެޓިވް އޮފިސަރުންނާއި މަރުހޫމް، ސާޖަންޓް އާދަމް ހަލީމްގެ މަންމައާއި ބައްޕައާއި އަނބިކަނބަލުން އަދި ދަރިފުޅުގެ އިތުރުން އާއިލާގެ އެހެނިހެން މެމްބަރުންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި ފުލުހުން ބައިވެރިވެލެއްވިއެވެ.

ހެންވޭރު ދަނޑު ކައިރީގައި މިއަދު ހުޅުވިގެން ދިޔަ 10 ބުރީގެ މި އިމާރާތް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކަށް ހާއްސަކޮށްފައިވާއިރު، މި އިމާރާތުގައި އިންޓަވިއު ރޫމުތަކާއި މެސް ހޯލަކާއި ކޮންފަރެންސް ރޫމެއްގެ އިތުރުން މަލްޓިޕާޕަސް ހޯލެއް ހިމެނެއެވެ.

މި އިމާރާތަށް، ކްރިމިނަލް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑިޕާޓްމަންޓުތައްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ވަނީ ބަދަލުވެފައެވެ. މީގެ އިތުރުން އިިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއާއި ހެންވޭރު ޕޮލިސްގެ މަސައްކަތްތައްވެސް މި އިމާރާތަށް ވަނީ ބަދަލުވެފައެވެ.

މި އިމާރާތުގެ ނަން ހާއްސަކޮށްފައިވާ ސާޖަންޓް އާދަމް ޙަލީމް، ޝަހީދުވީ 23 ޖުލައި 2012ވަނަ ވަނަ ދުވަހު ރޭ ރަސްމީ ޑިއުޓީގައި ކާށިދޫ ޕޮލިސް ސްޓޭޝަނަށް ދިޔަ މަގުމަތީގައި ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގޭބަންދުގައި ހުރި މީހަކު ޤަވާއިދާ ޚިލާފަށް ބޭރަށް ނުކުމެ އުޅޭތީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ގައުމީ ވާޖިބު އަދާކުރުމުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުންނެވެ.

ސާޖަންޓް އާދަމް ހަލީމް މި ދުނިޔެއާ ވަކިވެގެން ދިޔައީ ހިތްވަރުގަދަ ކެރޭ ފުލުހެއްކަން ސާބިތުކޮށްދީފައެވެ. އާދަމް ހަލީމް ޝަހީދުވުމުން އޭނާގެ ހިތްވަރުގަދަ މަތިވެރި ގައުމީ ވާޖިބުގެ އަގުވަޒަން ކުރައްވައި ޕޮލިސް ލާންސް ކޯޕްރަލްގެ މަގާމުން ޕޮލިސް ސާޖަންޓެއްގެ މަޤާމަށް ކުރިއެރުންދެއްވައި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އޭނާއަށް ވަނީ ދެއްވާފައެވެ. ސާޖަންޓް އާދަމް ހަލީމް ވަނީ ފުލުހުންގެ ޚިދުމަތުގައި ހަތް އަހަރާ ފަސް މަހާ ސައްބީސް ދުވަހު ޚިދުމަތް ކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން