ހެންވޭރު އަވަށުގެ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށާއި ބްރިޖް އަދި ހައިވޭ ބެލެހެއްޓުމުގެ އިހުތިސާސް ހަވާލުކުރެވޭ އައު ޕޮލިސް ސްޓޭޝަނެއް ގާއިމުުކުރައްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަހުޤީޤީ އިދާރާތަކަށް ހާއްސަކޮށްގެން އިމާރާތްކޮށްފައިވާ އޮފީސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ އަލަށް ހުޅުވި މި އިމާރާތާއެކު ފުލުހުންގެ ތަހުގީގުގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން އަންނާނެކަމަށެވެ. އަދި ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް މިކަމުގެ ސަބަބުން ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ހެންވޭރު އަވަށުގެ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށާއި ބްރިޖް އަދި ހައިވޭ ބެލެހެއްޓުމުގެ އިހުތިސާސް ހަވާލުކުރެވޭ އައު ޕޮލިސް ސްޓޭޝަނެއް ގާއިމުކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބި ހެންވޭރު އަވަށަށް ދޭ ސަމާލުކަން އިތުރުވެގެން ދާނެކަމަށް ހަމީދު ވިދާޅުވިއެވެ.



ހަމީދު ވިދާޅުވީ ފުލުހުންގެ މަސައްކަތަށް އިތުރުކުރެވިގެންދާ މިފަދަ ކޮންމެ އައު ވަސީލަތަކީ ރައްޔިތުންގެ ޖީބުންކުރާ ހަރަދެއްކަން ހަނދާންކުރަންޖެހޭކަމަށެވެ. އަދި ފުލުހުންނާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތަކީ ގާނޫނީ ހުކޫމަތުގެ ތެރެއިން ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުންކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެކަމަށްވެސް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އަދި ކޮންމެ ވަގުތެއްގައިވެސް ޒިންމާއަކަށްވާނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާ ވީ އެންމެ ފުރިހަމައަކަށް އަދާކުރަން ކަމަށާއި ފުލުހުންގެ މަސައްކަތަކީ ބާރުތަކަކާއެކު އިހުތިޔާރުތަކެއް ވަކިވަކި ފުލުހުންނަށް ހަވާލުކުރެވިފައިވާ މަސައްކަތެއްކަމަށެވެ.

ސީޕީ ވިދާޅުވީ ފުލުހުން އަދާކުރާ ދައުރުތަކުގެ ތެރެއިން ތަހުގީގުކުރުމުގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި ތަހުގީގު ކުރުމުގެ ފަންނު އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަކީ ވަރަށް ހާއްސަ އަހައްމިއްޔަތެއް ދެމުން އަންނަ ކަމެއްކަމަށެވެ.

ހަމައެއާއެކު ތަހުގީގުކުރާ މުވައްޒަފުން ބިނާކުރުމާއި ހަރުދަނާ އޮނިގަނޑުތައް އެކުލަވާލައި، ވަސީލަތްތައް އިތުރުކުރުމަކީ ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭނުގެ ވޮލިއުމް އެންޑް ހައި ކްރައިމް އިމްޕެކްޓް ކްރައިމްގެ ޕްރައިއޯރިޓީއާ ގުޅިފައިވާ ވަރަށް މުހިންމު ބައިތަކެއް ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން