3000 މެމްބަރުން ހަމަނުވެގެން އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށާފައި އޮތް މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމުން ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވާދަކުރައްވަން ނިންމަވާފައިވާކަމުގެ ހަބަރުތަކެއް ފެތުރިއްޖެއެވެ.

އެމްއާރުއެމްގެ އިސް ބައެއް ބޭފުޅުންނާއި ހަވާލާދީ ބައެއް ފަރާތްތަކުން ބުނާގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުުރުމަށް ފާރިސް ގެންދަވަނީ ކޯޓުތަކުން އޭނާގެ ކުށުގެ ރެކޯޑްތައް ސާފުކުރައްވަމުންނެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމެއް ފާރިސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެމްއާރުއެމްގެ އޮފިޝަލުން ބުނާގޮތުން ފާރިސް ތައްޔާރުވެވަޑައިގަންނަވަނީ އެމްއާރުއެމަށް ގާނޫނީ ހުރަސްތަކެއް ކުރިމަތިވެއްޖެ ނަމަ އަމިއްލަ ގޮތުންވެސް އިންތިހާބުގައި ވާދަކުރައްވަން ކަމަށެވެ.

އެމްއާރުއެމުން ރިޔާސީ އިންތިހާބުގައި ވާދަކުރަން މަސައްކަތްކުރާއިރު، އެ ޕާޓީއަށް 3000 މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލުމަށްވެސް ނިންމާފައެވެ. ނަމަވެސް އެމްއާރުއެމްއިން ކޯޓަށް ދިއުމުން އެ ޕާޓީ އުވާލުމުގެ މަސައްކަތްތައް މަޑުޖައްސާލަން އޮތީ އިލެކްޝަންސްއަށް އަންގާފައެވެ.

އެމްއާރުއެމްގެ ފަރާތުން ފާރިސް ރިޔާސީ އިންތިހާބަށް ނިކުންނެވުމަށް މަސައްކަތްކުރިނަމަވެސް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އެމްއާރުއެމްގެ ކައުންސިލުން ވަކި ގޮތެއް ނުނިންމަވައެވެ.

ފާރިސް އެންމެފަހުން ވާދަކުރެއްވީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައެވެ. އެ އިންތިހާބުން އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

އެމްއާރުއެމްއިން ފާރިސް ނިކުންނަވަން ވިސްނަވާއިރު، ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީނަށް ވާދަނުކުރެވޭނަމަ ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގަތުން ގާތް ބޭފުޅުންގެ ތެރޭގައި ފާރިސްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަދި ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްޞާން މައުމޫންވެސް ހިމެނޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން