ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފިޔަވައި އެހެން ކެނޑިޑޭޓުން ގެންގުޅުއްވަނީ ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީން ގެންގުޅުއްވި ގައުމަށް ފައިދާއެއް ނެތް ސިޔާސަތުތަކެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑާއި ގުޅިގެން އިގްތިސާދަށް ދަތިތަކެއް ކުރިމަތިވިކަން އިދިކޮޅު ފަރާތްތަކުން މިއަދު ހަނދާން ނައްތާލާފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ ކޯވިޑާއި ގުޅިގެން ކުރިމަތިވި ކަންކަމުން އަރައިގަތުމަށް ރައީސް ސާލިހުގެ ލީޑަރޝިޕްގެ ދަށުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވިކަމަށެވެ. އަދި އަޅުއްވަންޖެހޭ ފިޔަވަޅުތައް، އަޅުއްވަންޖެހޭ ވަގުތުގައި އަޅުއްވައިގެން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެކަން ރައީސް ސާލިހު ސާބިތު ކޮށްދެއްވާފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޯވިޑާއި ގުޅިގެން ސަރުކާރުން ކަންކަންކުރި ގޮތަށް އިދިކޮޅުން ފާޑުކީނަމަވެސް، ރައީސް ސާލިހު އެކަންކަމަށް ނުބައްލަވާ ވަޑައިގެންނެވީ ކުރިއަށްކަމަށެވެ.

ޝަރީފް ވިދާޅުވީ ދެމެހެއްޓެނިވި އިގްތިސާދީ ފާގަތިކަމަށް ސަރުކާރުން އަމާޒު ކަނޑައަޅާފައިވަނީ ހަރުދަނާ އިގްތިސާދީ އަދި މާލީ ސިޔާސަތުތަކެއްގެ ތެރެއިންކަމަށެވެ. އަދި ރައީސް ސާލިހަކީ ރައްޔިތުންނަށް ދޮގު ހެދުމުގެ ބަދަލުގައި ކަންކަމާއި ކުރިމަތިލާން ކެރޭ، މައްސަލަތައް ހައްލުކުރަން އެނގޭ ބޭފުޅެއްކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަމުންދާ ލީޑަރުން ޕްރޮމޯޓްކުރަމުންދަނީ ރައީސް މައުމޫނާއި ރައީސް ޔާމީންވެސް ގެންގުޅުައްވި ސިޔާސަތުތައްކަމަށެވެ. ނަމަވެސް އެއީ ގައުމަށް ފައިދާއެއް ކޮށްފައިނުވާ އަދި އެކަމުން ގެއްލުންތައް ކުރިމަތިކުރުވި ސިޔާސަތުތަކެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ގައުމަށް ތަރައްގީ ގެނެސް، ގައުމަށް ފާގަތިކަން ގެނެސްދެވޭނެ ކެނޑިޑޭޓެއް ރައީސް ސާލިހު ފިޔަވައި ނެތްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން