ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ބައިވެރިނުވާނަމަ އެ އިންތިހާބަކީ އިންސާފުވެރި ރިޔާސީ އިންތިހާބަކަށް ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިރޭ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކަޓްކޮށްފިނަމަ އެއީ ރައްޔިތުންގެ ބައިވެރިވުން އޮތް އިންތިހާބަކަށް ނުވާނެކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އެއީ އިންސާފުވެރި ރިޔާސީ އިންތިހާބަކަށްވެސް ނުވާނެކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ޕީޕީއެމުން އިންތިހާބުގައި ވާދަނުކުރާ ހާލަތަކަށް ދާން އެދިވަޑައި ނުގަންނަވާ ކަމަށާއި އެކަމުގައި ޕީޕީއެމުން ވިސްނުންތެރިކަމާއެކު އަމަލުކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

"ޕީޕީއެމުން ބައިވެރިނުވާނަމަ ރައްޔިތުންގެ ބައިވެރިވުން އޮތް އިންތިހާބަކަށް ނުވާނެ. އަދި އިންސާފުވެރި އިންތިހާބެކޭވެސް ނުބުނެވޭނެ އެގޮތަށް ދިމާވެއްޖިއްޔާ،" ފުއާދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޕީޕީއެމްގެ ޓިކެޓް އަރުވާފައިވަނީ ރައީސް ޔާމީނަށެވެ. ނަމަވެސް އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމާއި ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބޭނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީގެކުރިން ވިދާޅުވެފައިވަނީ ރައީސް ޔާމިންގެ ކެނޑިޑަސީ ބަލައިގަތުމާއި މެދު ގޮތެއް ނިންމާނެކަމަށް ލަފާކުރެވެނީ ސުޕްރީމް ކޯޓުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން