ފޯނުގައި ސޭވްނުކުރާ ނަމްބަރުތަކަށް ވަޓްސްއެޕް މެދުވެރިކޮށް މިހާރު މެސެޖުކުރެވޭނެކަމަށް ވަޓްސްއެޕުން ބުނެފިއެވެ. މިގޮތަށް މެސެޖުކުރެވޭނީ ވަޓްސްއެޕްގެ އެންމެ ފަހުގެ އަޕްޑޭޓް ފޯނަށް އަޅައިގެންކަމަށް ވަޓްސްއެޕުން ބުނެއެވެ.

ފޯނަށް ސޭވްކޮށްފައިނުވާ ނަމްބަރަކަށް ވަޓްސްއެޕް މެދުވެރިކޮށް މެސެޖެއްކުރަން ފަށާއިރަށް، އެނަމްބަރަކީ ވަޓްސްއެޕުގައި ބޭނުންކުރާ ނަމްބަރެއްތޯ ވަޓްސްއެޕުން އަމިއްލަޔަށް ބަލާނެއެވެ. ވަޓްސްއެޕުން ބަލާއިރު އެނަމްބަރަކީ ވަޓްސްއެޕުގައި ބޭނުންކުރާ ނަމްބަރެއްނަމަ، ފޯނަށް އެނަމްބަރު ސޭވްނުކުރިޔަސް އެނަމްބަރަށް މެސެޖު ފޮނުވަން ފެށޭނެކަމަށް ވަޓްސްއެޕުން ބުނެއެވެ.

މީގެ ކުރިން ވަޓްސްއެޕް މެދުވެރިކޮށް ފޯނުގައި ސޭވްނުކޮށް އޮތް ނަމްބަރަކަށް މެސެޖު ފޮނުވެނީ ފޯނުގައި އެނަމްބަރު ސޭވްކުރުމުންނެވެ. ވަޓްސްއެޕް މެދުވެރިކޮށް ކުއްލިޔަކަށް، އަވަސް މެސެޖެއް ފޮނުވަން ޖެހޭ ވަގުތެއްގައި، މިހެން މިކަން އޮތުމުން، ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް މިކަން އޮތީ ތަކުލީފަކަށްވެފައިއެވެ.

ނަމަވެސް މިހާރު މިގެނައި ބަދަލާއި ގުޅިގެން ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށްވަނީ މިކަމުގައި ލުޔެއް ލިބިފައިއެވެ. ވަޓްސްއެޕުން ބުނާ ގޮތުގައި، މިބަދަލުގެ ލުއި ލިބިފައިވާނީ ފޯނަށް ވަޓްސްއެޕްގެ އެޕްލިކޭޝަން އަޅައިގެން ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް އެކަންޏެވެ. އޮންލައިންކޮށް ވަޓްސްއެޕްގެ ވެބްސައިޓުން ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް މިގެނައި ބަދަލުގެ ބޭނުމެއް އަދި ނުހިފޭނެކަމަށް ވަޓްސްއެޕުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން