ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ކެންޑިޑެސީ ފޯމްގައި މިއަދު ސޮއިކުރައްވައިފިއެވެ.

ޕީޕީއެމުން ރާއްޖޭގެ މީޑިޔާ ތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނުގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންްޖެހޭ ލިޔުންތަކުގައި ކަރެކްޝަން މެދުވެރިކޮށް އެމަނިކުފާނުގެ ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި ޔާމިން ސޮއިކުރެއްވި ހުރިހާ ލިޔުންތަކެއް ޕީޕީއެމްގެ އޮފީހަށް މިހާރު ލިބިފައިވާ ކަމަށްވެސް އެޕާޓީން މައުލޫމާތުދެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތާއި މަނީލޯންޑަރިން ކުށް ސާބިތުވެ ރައީސް ޔާމިން ގެންދަވަނީ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާއެކު އެމައްސަލައިގެ އަޑުއެހުންތައް މެދުކެނޑި ޔާމިނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވިދާނެ ކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

އިސްތިއުނާފީ މައްސަލަ ލަސްވެ ރައީސް ޔާމީންގެ އިންތިޚާބީ ހައްގަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ، އެ ހައްގު ހޯދުމަށް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް މައްސަލަ ވަނީ ހުށައަޅާފައެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށައެޅި އެމައްސަލަ ބަލައި ނުގަތުމަށް އިއްޔެ އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވާފައެވެ. އެހެން ނަމަވެސް އެ ނިންމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ހައްގު ޔާމިނަށް ލިބިވަޑައިގަންނަވާނެއެވެ.

ޔާމިނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްގެންނެެވެ.

އަންނަސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިއްޔެ ހުޅުވާލާފައިވާއިރު، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ރައީސްކަމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅާތާ 48 ގަޑިއިރު ތެރޭ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑެސީއާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ގާނޫނުގައިވެއެެވެ.

ގާނޫނުއަސާސީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ ކަމަށެެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓާ ހިސާބުން ނިމި ނިހާއީ ހުކުމަކަށް ނުވާތީ ޔާމީނަށް ވާދަކުރެއްވޭނެ ކަމަށް ޕީޕީއެމުން އަންނަނީ ބުނަމުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން