ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އޮތް ތާޢީދު ބޮޑުވަމުން ދިއުމަކީ އެއްވެސް މީހަކު "ބޮލުރޮދި" ކެނޑެންޖެހޭ ސަބަބެއް ނޫންކަމަށް ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ.

މެމްބަރު ރާޝިދު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ސާލިހުގެ ސިއްހީ ހާލުކޮޅާއި ބެހޭގޮތުން ދެއްކެވި ވާޙަކަތަކަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވިދާޅުވީ ޒަމާނުންސުރެ ދިވެހިން އެދިއެދި ތިބި ތަރައްޤީ ރައީސް ސާލިހު އެންމެ 3 އަހަރުން ގެނެސްދެއްވައި، ރައްޔިތުންގެ ލޯއްބާއި ތާއިދު ހޯއްދަވާފައިވާކަމަށެވެ. އަދި އެއީ އެއްވެސް މީހަކު ބޮލު ރޮދި ކެނޑި ބޯވަތަށް ވެއްޓެންޖެހޭ ސަބަބެއް ނޫންކަމަށްވެސް ރާޝިދު ވިދާޅުވިއެވެ.

ރާޝިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ދިވެހިންނަށް ލިބުނު ނަސީބެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.



ޑިމޮކްރެޓުންގެ ހަރުގޭގައި ރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙަކީ ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ހިތްޕުޅުގެ އާލާސްކަންފުޅާ ގުޅޭ ގޮތުންވެސް އަދަބާ ޚިލާފު ވާހަކަތަކެއް ރައީސް ނަޝީދު ވަނީ ދައްކަވާފައެވެ.

"ރައީސް ޞާލިޙަށް ދަންނަވާލަން އޮތީ މަނިކުފާނު މުސްކުޅިވެއްޖެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މުސްކުޅިވެ ގައިބާރު ދޫވީމާ އަރިސް ބޭފުޅުން ލައްވާ ވެރިކަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް ގައުމަށް، ރައްޔިތުންނަށް ކުރާނެ މަންފާއެއް އެކަމުން ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން