ގިނަވެގެން ދިވެއްސަކަށް 10 ފޯނު ނަމްބަރު، އަދި ބޭރުމީހަކަށް 3 ފޯނު ނަމްބަރު ނެގޭގޮތަށް މޮބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު ގެޒެޓްކޮށްފިއެވެ.

މި ޤަވާއިދުގައިވާ ގޮތުން މޮބައިލް ފޯނު ޚިދުމަތް ދިނުމުގައި އަމިއްލަ ފަރުދުންނަށް ނަންބަރު ދޫކުރަން ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ނަމްބަރު ދޫކުރަނީ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ޤަވާއިދުގައިވާ ގޮތުން ދިވެހި ރައްޔިތެއްނަމަ ދޫކުރެވޭނީ ގިނަވެގެން 10 ސިމެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީއެއްނަމަ ނުވަތަ ޓޫރިސްޓެއްނަމަ ދޫކުރެވޭނީ 3 ނަމްބަރެވެ.

އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް ނަމަވެސް ދޫކުރެވޭނީ 10 ނަމްބަރެވެ. އަދި އަމިއްލަ ފަރުދެއްގެ ވިޔަފާރިތައް ފިޔަވައި ޤާނޫނީ އެހެން ޝަޚުޞުތަކަށާއި ދައުލަތުގެ އިދާރާތަކަށް ނަންބަރު ދޫކުރާއިރު ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތަކަން ނަންބަރު ބޭނުންވާނަމަ މަޤުބޫލު ސަބަބެއް ބަޔާންކޮށް އެ ފަރާތަކުން އޮތޯރިޓީއަށް ހުށަހެޅުމުން އެކަމަށް ހުއްދަ ދިނުމުގެ އިޚުތިޔާރު އޮތޯރިޓީއަށް ލިބިގެންވާކަމަށްވެސް ގަވާއިދުގައިވެއެވެ.

ނަންބަރު ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ މަޢުލޫމާތު ރައްކައުކުރަންޖެހޭއިރު، ރާއްޖޭގެ ތަޙުޤީޤީ އިދާރާއަކަށް ބޭނުންވެއްޖެ ހިނދެއްގައ،ި ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން މި މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ސަރވިސް ޕްރޮވައިޑަރު ހަމަޖައްސައިފައި ހުންނަންވާނެ ކަމަށްވެސް ޤަވާއިދުގައި ބުނެއެވެ.

މި ޤަވާއިދުގައިވާ ގޮތުން މޯބައިލް ފޯނު ނަންބަރެއް ބޭނުންކޮށްގެން ކުރާ ހުރިހާ މުޢާމަލާތަކަށް ޖަވާބުދާރީވާންޖެހޭނ،ީ އެ ނަންބަރު ރަޖިސްޓަރީ ކޮށްފައިވާ ފަރާތުންނެވެ.

މި ގަވާއިދުގެ އެއްވެސް މާއްދާއަކާއި ޚިލާފުކަމެއް ސަރވިސް ޕްރޮވައިޑަރު ނުވަތަ ސަރވިސް ޕްރޮވައިޑަރުގެ އޭޖެންޓަކު ކޮށްފިނަމަ އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިޚުތިޔާރު އޮތޯރިޓީއަށް ލިބިގެންވާކަމަށް ޤަވާއިދުގައި ބުނެއެވެ.

އެގޮތުން ޤަވާއިދާއި ޚިލާފުވާކަމަށް ކަނޑައަޅާ ފުރަތަމަ ފަހަރު އެ ކަމެއް ރަނގަޅުކުރުމަށް އެކަށީގެންވާ މުއްދަތެއް ދީފައި ގަވާއިދާ ޚިލާފުވާކަމަށް ކަނޑައަޅާ ދެވަނަފަހަރު އެ ކަމެއް ރަނގަޅުކުރުމަށް އަންގައި 10000 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށް ޤަވާއިދުގައިވެއެވެ. އަދި ގަވާއިދާ ޚިލާފުވާކަމަށް ކަނޑައަޅާ ތިންވަނަ ފަހަރު އެކަމެއް ރަގަޅުކުރުމަށް އަންގައި 20000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެން 1 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންކަމަށް ޤަވާއިދުގައި ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން