ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް މިހާތަނަށް ކަނޑައަޅާފައި ނުވާކަމަށާއި، އެކަން ކުރެއްވުމުގެ އިހްތިޔާރު ދޫކޮށްލާފައިވަނީ ރައީސް ޔާމީނަށްކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން މިހެން ބުނެފައި މިވަނީ ރައީސް ޔާނީންގެ ރަނިންމޭޓް ކަނޑައަޅާފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް ޔާމީންގެ އިންތިހާބީ އޭޖެންޓް ހުސައިން ތޮލާލް ވިދާޅުވީ ރަނިންގ މޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ޤަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރަކަށްވީނަމަވެސް، ލީޑަރޝިޕްގެ ފަރާތުން ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން ވަނީ ލީޑަރޝިޕްގައި އެދިވަޑައިގެންފައި ކަމަށެވެ. އެހެންނަމަވެސް، ރަނިންގމޭޓު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ޤަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚުތިޔާރަކަށް ވާތީ، ލީޑަރޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓް ބޭފުޅަކު ޚިޔާރު ކުރެއްވުމަށް ދަންނަވަން ލީޑަރޝިޕްގެ އިއްތިފާޤުން މިރޭ ނިންމާފައިވާކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންގ މޭޓަކަށް ވަކި ބޭފުޅަކު ކަނޑައެޅިފައި ނުވާކަމަށެވެ.

ރައީސް ޔާމީން މިހާރު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅުއްވާފައެވެ. އެކަން ކުރައްވާފައި ވަނީ ކަރެކްޝަނަލް ސާރވިސް މެދުވެރިކޮށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީން މިހާތަނަށް ފޯމް ހުށަހަޅާފައެއް ނުވެއެވެ.

ގާނޫނުގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅަންޖެހޭނީ ރަނިންމޭޓްގެ ނަމާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން