ކުރިއަށްއޮތް ބަންދު ދުވަސްތަކުގައިވެސް ސުޕްރީމްކޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ބެލެވޭގޮތުގައި މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލައެއް ހުށަހެޅިދާނެކަމަށް ބަލައި، ނިންމި ނިންމުމެކެވެ.

ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ނަމަވެސް އެ މުއްދަތު ހަމަވުމާއި ދޭތެރޭ މިިނިވަން ދުވަހާ ގުޅިގެން އަންނަ ބަންދު ދުވަސްތަކާއި ހަފްތާ ބަންދު ދުވަސްތަކެއް ދިމާވެއެވެ.

ސުޕްރީމް ކޯޓުން ވަނީ 7 އޮގަސްޓާއި ހަމައަށް އަންނަ ބަންދުދުވަސްތަކުގައި އެކޯޓުން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އެގޮތުން 26 އަދި 27 ވަނަ ދުވަހުގެ ހެނދުނު 9 އިން 10އަށް އަދި މެންދުރު ފަހު 00؛1 އިން 00؛2 އަށް، އަންނަ ހުކުރު ދުވަހު މެންދުރުފަހު 2:30 އިން 3:30އަށް އަދި ހޮނިހިރުދުވަހު ހެނދުނު 9:00 އިން 10:00 އަށް އަދި މެންދުރުފަހު 00؛1 އިން 00؛2 އަށް، މީގެއިތުުރުން އަންނަމަހުގެ 4 ވާ ހުކުރުދުވަހުގެ 2:30 އިން 3:30އަށް އަދި އޮގަސްޓް 5 ވާ ހޮނިހިރުދުވަހު ހެނދުނު 9 އިން 10 އަށް އަދި މެންދުރުފަހު 1 އިން 2އަށް ކޯޓުގެ ރަޖިސްޓްރާގެ ހިދުމަތް ލިބޭނެކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

ރިޔާސީ އިންތިހާބާއި ގުޅިގެން މިހާރުވެސް ދެ މައްސަލައެއް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހުށަހެޅި އެ ދެ މައްސަލަވެސް ބަލައިގަނެފައެއްް ނުވެއެވެ.

ޤާނޫނުގައިވާ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތެއްގެ ކެނޑިޑަސީއާ ގުޅޭ މައްސަލަަތައް ބަލާނީ ސުޕްރީމް ކޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން