ފުލުހުންގެ ޓްރެފިކް ޗެކްޕޮއިންޓަކަށް މަޑުނުކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކިކަމަށް ބުނެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރަށްވައިފިއެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާމިރު ވިދާޅުވީ ރޭ ފުލުހުން އޭނާ ސައިކަލުގައި ދަނިކޮށް މަގުމަތިން ހުއްޓުވައި އޭނާއާމެދު އަމަލުކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށްކަމަށެވެ. އަދި އޭނާ ހައްޔަރުކުރި ސަބަބު އެނގުނީ ގެންދިޔަ ފަހުންކަމަށްވެސް އާމިރު ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ރޭ 1:00 ހާއިރު، ޗެކް ޕޮއިންޓް ޖަހައިގެން ފުލުހުން އުޅަނދުތައް ޗެކް ކުރަމުން ދިޔައިރު، އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން، ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދިއުމުން، ފުލުހުން ފަހަތުން ގޮސް ހުއްޓުވީ ކަމަށެވެ.

މަޖިލީޙުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާމިރު ވިދާޅުވީ ޗެކް ޕޮއިންޓަށް މަޑުކުރަން އޭނާއަށް ނާންގާކަމަށާއި، އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަންވެސް ދައްކާފައި ނުވާނޭކަމަށެވެ. އަދި މަޑުކުރަން އެންގުމުން، އެއީ ކީއްވެގެންތޯ އެހިކަމަށާއި، ނަމަވެސް އެކަން ފުލުހުން ބުނެނުދޭކަމަށް އާމިރު ވިދާޅުވިއެވެ.

ދެ ފުލުހަކު ވެގެން އާމިރު ހައްޔަރުކުރަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯވެސް ވަނީ ސޯޝަލް މީީޑިއާގައި އާއްމުވެފައެވެ.

އާމިރު ވިދާޅުވީ، ފުލުހުން އޭނާއަށް އަނިޔާކުރި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން