ޕީޕީއެމުން ރިޔާސީ ކެނޑިޑޭޓަކު ނުދެއްކިގެން އުޅޭކަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ، ކުރެއްވި ޓްވީޓަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެދުނުތާ ވިއްސަކަށް އަހަރުވާން ގާތްވެފައިވާކަމަށެވެ. ނަމަވެސް ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީން ރިޔާސީ ރޭހަށް ކެނޑިޑޭޓަކު ދައްކާނެ ގޮތަކާމެދު ހިލާފު އުފެދިގެން ދިޔުމުގެ މާނައަކީ ކޮބައިކަމާމެދު ވިސްނަން ނުވޭތޯއޭ ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން ވަނީ ސުވާލު އުފައްދަވާފައެވެ.



އިމްރާން ކުރެއްވި ޓްވީޓަށް ޖަވާބުދީ ޚިޔާލުފާޅުކުރި ގިނަ ބަޔަކު ވަނީ އޭނާ ދެއްކެވި ވާޙަކަތަކަށް ފާޑު ކިޔާފައެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ސުވާލުކުރަމުންދިޔައީ ވިއްސަކަށް އަހަރުވެގެންދިޔައިރު އަދާލަތު ޕާޓީން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓެއް ނުނެރެވިގެން އުޅޭ ސަބަބާއި ގުޅޭގޮތުންނެވެ. އަދި އަދާލަތު ޕާޓީއަކީ އަބަދުވެސް އެހެން ޕާޓީތައް ފަހަތުން އުޅޭ ޕާޓީއެއްގެ ގޮތުގައި ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ސިފަކޮށްފައެވެ.



އިމްރާންގެ ޓްވީޓަށް ރައްދު ދިން ބައެއް މީހުން ވަނީ އިސްލާމީ އުސޫލުތައް ހިފަހައްޓަން އުފެއްދި ޕާޓީއަށް ވިހި އަަހަރު ވާންދާއިރު ޕާޓީ އުފެއްދި އުސޫލުތަކާއި އަދާލަތު ޕާޓީން ދުރަށް ގޮސްފައިވާ ކަމަށް ބުނެފައެވެ. ބައެއް މީހުން ވަނީ އެހާ ދުވަސްވީ ޕާޓީއަކަށް އަދާލަތު ޕާޓީވާއިރުވެސް، މަޖިލީހުގައި ގޮނޑިއެއް ނެތުމަކީ ޕާޓީ އުވާލަންވެސް ޖެހޭ ސަބަބެއްކަމަށް ބުނެފައެވެ.

ޕީޕީއެމާއި ގުޅޭގޮތުން އިމްރާން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކެންޑިޑޭޓަކު ދައްކާނެ ގޮތަކާމެދު ހިލާފު އުފެދިގެނެއް ނޫޅޭކަމަށެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޖަލުގައި ބާއްވައިގެން ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިމްރާން އެގޮތަށް ޓްވީޓްކުރުމަކީ ލަދުވެތި ކަމެއްކަމަށްވެސް ހީނާ ވިދާޅުވިއެވެ.



މިފަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އަދާލަތު ޕާޓީން ވަނީ ވޭތުވެދިޔަ 3 ރިޔާސީ އިންތިހާބެކޭ އެއްގޮތަށް ޕާޓީއަކާއެކު ކޯލިޝަން ހަދާފައެވެ. އެގޮތުން މިފަހަރު އަދާލަތު ޕާޓީ ހިމެނެނީ އެމްޑީޕީ އަދި އެމްޑީއޭ ހިމެނޭ ކޯލިޝަންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން