އެހެން ޤައުމުތަކަށް ބަރޯސާނުވާ މިނިވަން އިޤްތިޞާދަކަށް ރާއްޖެ ބަދަލުކޮށްލެވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމަށްކަމަށް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަހަގަ ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްްކަވަމުން އަލީ ހުސައިން ވިދާޅުވީ ރާއްޖެއަކީ އެކި ކަންކަމަށް ބޭރުގެ އެކި ފަރާތްތަކަށް ބަރޯސާވެފައި އޮންނަންޖެހޭ ޤައުމެއްކަމަށެވެ. އެގޮތުން ހަކަތައާއި ކާބޯތަކެތި ހޯދުމުގެ ކަންކަމުގައި އޮންނަނީ އެހެން ޤައުމުތަކަށް ބަރޯސާވެފައިކަން އަލީ ހުސައިން ފާހަަގަކުރެއްވިއެވެ.

އެކި ކަންކަމުގައި ބޭރު ފަރާތްތަކަށް ބަރޯސާވެފައި އޮތްނަމަވެސް މި ވޭތުވެދިޔަ މުއްދަތުގައި އެކަން ބަދަލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަން އަލީ ހުސައިން ފާހަގަކުރެއްވިއެވެ. އެގޮތުން ހަކަތައިގެ ދާއިރާތަކުން ޤައުމުތަކުން ގެންގުޅޭ އުސޫލުތައް ބަދަލުކުރާއިރު ރާއްޖެއިން އެކަށީގެންވާ މަސައްކަތެއް އެ ދާއިރާއިން ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

"އިއާދަކުރަނިވި ހަކަތައަށް މުޅި ދުނިޔެ ދަނީ ބަދަލުވަމުން. ނަމަވެސް ރާއްޖެއިން އަދިވެސް ބޮޑެތި އިންޖީނުގެތައް ރަށްތަކުގައި އަޅަމުންދާތަން މި ފެންނަނީ،" އަލީ ހުސައިން ވިދާޅުވިއެވެ.



ކެންދޫ ދާއިރާގެ މެމްބަރު ވިދާޅުވީ ގާސިމް އިބްރާހިމް ރައީސްކަމުގެ މަޤާމަށް އިންތިހާބުކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ އިޤްތިޞާދީ މިނިވަންކަން ރާއްޖެއަށް ހޯއްދަވައި ދެއްވާނެތީކަމަށެވެ. އެގޮތުން ކާބޯތަކެއްޗަށް ބަރޯސާނުވެ އުޅެވޭނެ ފެންވަރަށް ރާއްޖޭގެ ކަންކަން އިންތިޒާމް ކުރައްވާނެކަމަށް ގާސިމް ވިދާޅުވެފައިވާކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލެމުންދާއިރު، އެކަންކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުތަކުން އަޅާފައިނުވާކަމަށެވެ. ނަމަވެސް ޤާސިމްގެ ތަސައްވުރަކީ އާއްމުކޮށް ރަށްރަށް ހުންނަ އުސްމިނަށްވުރެ އުސްކޮށް، އެއް މީޓަރުގެ އުސްމިނުގެ ރަށްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީކުރުން ކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ މިކަންކަން ހާސިލުކޮށްގެން، ރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ހޯއްދަވައިދެވޭނެ އެހެން ލީޑަރަކު ރާއްޖޭގައި ނެތްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން