ވޭތުވެދިޔަ ފަސް އަހަރަކީ ދިވެހިރާއްޖެއަށް ފުރިހަމަ މާނައިގައި މިނިވަންކަން ލިބުނު ފަސް އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ޝޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް މިދިޔަ ފަސް އަހަރަކީ އެންމެ ފުރިހަމަ މާނައިގައި ރާއްޖެއަށް މިނިވަންކަން ލިބުނު ފަސް އަހަރު ކަމަށެވެ. އަދި އެމަނިކުފާނުގެ ހިނގަމުން މިދާ ރިޔާސީ ދައުރަކީ ހާރިޖީ މިނިވަންކަން ވެސް "އެންމެ ވަރުގަދަ ފަސް އަހަރު" ކަމަށް ވެސް ރައީސް ސާލިޙު ވިދާޅުވި އެވެ. އެގޮތުން، މިފަސް އަހަރަކީ، ސިޔާސީ މިނިވަންކަމާއި، ދާޚިލީ އަދި ޚާރިޖީ މިނިވަންކަން އެންމެ ފުޅާކޮށް ލިބިދީ ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ މިއަދު ރާއްޖޭގެ މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެއާއި ބައިނަލްއަޤުވާމީ މުޖްތަމަޢާ ދެމެދުގައި އޮތް ރަޙްމަތްތެރި ބަދަހި ގުޅުން ކަމަށެވެ. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ދިރުން ލިބި، ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ ޢާއިލީ ތަނަވަސްކަން އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިނިވަންކަމުގެ ޙަޤީޤީ އުފަލަކީ، އެމީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ޙާޞިލުވުމުގެ އުފާ ކަމަށެވެ. ރައީސް ވިދާޅުވީ، ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެބައިމީހުންގެ ޒާތީ މިނިވަންކަމަކީ، ދަރިންނަށް ކިޔަވައިދީގެން ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތްވުން ކަމަށެވެ.އަދި ކުރިމަގުގައި ވެސް އެމަނިކުފާނުގެ އެންމެ އިސް އަމާޒަކީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށް ރައީސްވިދާޅުވިއެވެ. އަދި ދިވެހިންގެ މިލޮބުވެތި ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށާއި ރާއްޖޭގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމުގެ މަތިވެރި ޒިންމާ އަދާކުރުމުގައި، ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން