ރާއްޖޭގައި ހަމަޖެހުމާއި ޞުލްޙަވެރިކަން ޤާއިމުކޮށް، ޤައުމު ބިނާކުރުމުގެ ބިންގާ އެޅިއްޖެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ޝޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ، މާތް ﷲގެ ވާގިފުޅާއެކު، މިދިޔަ ފަސް އަހަރު ހަމަޖެހުމާއި ޞުލްޙަވެރިކަން ޤާއިމުކޮށް، މިއަދު ޤައުމު ބިނާކުރުމުގެ ބިންގާ އެޅިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އުތުރުން ދެކުނަށް މި ސަރުކާރުން މުޑުވައްކުރި ތަރައްޤީގެ އޮށްތައް މިހާރު ކޯދުލައި ހެދިގަންނަން ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ދެން ކުރަން އޮތް ކަމަކީ، މިސަރުކާރުން ތައްޔާރުކުރި ތަރައްޤީގެ ބުސްތާނަށް ފެން ދީ އެ ގަސްތައް ހެއްދުން ކަމަށެވެ. އަދި އޭގެ މަޤްޞަދަކަށް ވާންވީ، އެ ގަސްތަކުގެ ހިޔާ މުޅި ރާއްޖެއަށް ފަތުރާލައި، އެ ހިޔާވަހިކަމުގެ ދަށުގައި ކުރިމަގުގެ ޖީލުތަކަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ދިވެހިން އެދިއެދި ތިބި މަންޒިލަކީ، 21 ވަނަ ގަރުނުގެ ތަރައްގީ. އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ، ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ހާލަތު. މާތް ﷲގެ ވާގިފުޅާއެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ، އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ތައުލީމާއި ތަމްރީނުގެ ދާއިރާއިން މީގެ ކުރިން ތަނަވަސް ވެފައި ނެތް މިންވަރަށް ދިވެހި ޒުވާނުންނަށްޓަކައި މި ސަރުކާރުން ފުރުސަތު ފަހި ކޮށްދީފައިވާނެ ކަމަށެވެ.

" މާތް ﷲގެ ހެޔޮ ރަހްމަތްފުޅުން މި ފިޔަވަޅު މަތީ ހުރެ އުފަލާއެކު އަޅުގަނޑު ދަންނަވަން އޮތީ އިލްމު އުނގެނުމާއި މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ނުލިބޭ އެންމެ ދިވެހި ދަރިއަކު ވެސް މިހާރު ނުހުންނާނެޔޭ،" ރައީސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިއަދަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުނު 59ވަނަ މިނިވަން ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން