ރާއްޖެއަށް ބޭނުންވަނީ ޑިޖިޓަލް އިގްތިސާދެއް ގެނެސްދޭނެ އާ ޒަމާނެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ތަރުޖަމާން އަބްދުﷲ އަމީން ވިދާޅުވެއްޖެއެެވެ.

"ދިވެހިންގެ ގައުމު ދިވެހިންނަށް" މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ އުތުރު ކެމްޕެއިން ޓީމްގެ ފަރާތުން އިސްނަގައިގެން ބޭއްވި ހާއްސަ ހަފްލާގައި އަމީން ވިދާޅުވީ ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ވަރަށް އިލްމީ ޖީލެއް ބިނާކުރަންޖެހޭ ކަމަށާއި އިލްމީ ޖީލަކާއި ނުލައި ވާދަވެރި ދުނިޔޭގައި ގައުމެއް ދެމެހެއްޓެމުގެ ގާބިލް ކަމެއް ނުލިބޭނެ ކަމަށެވެ. ރާއްޖޭގެ އެއް ފަރުދަކު އިލްމީ ޖީލެއް ބިނާކުރުމަށް އެންމެ ވަރުގަދަ މަސައްކަތެއް ކުރެއްވީ ގާސިމް ކަމަށް އަމީން ވިދާޅުވިއެވެ.

ގާސިމަކީ ގައުމުގެ މިނިވަންކަމަށްޓަކައި ދުޅަހެޔޮ ޖީލެއް ބިނާކުރެއްވި ބޭފުޅެއްކަމަށް އަމީން ވިދާޅުވިއެވެ. ކުރީގެ ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއަަށް ބޭނުންވަނީ ޑިޖިޓަލް އިކްނޮމީގެ އާޒަމާނެއް ކަމަށެވެ. އެ ޒަމާން ރާއްޖެއަށް ގެނެސްދެވޭނީ ގާސިމަށް ކަމަށް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިންޑިޔާ ކަނޑުގެ ސަރަހައްދަށް ކޮންފުލިކްޓް މައްސަލަތައް އެބަ އާދޭ، އެމައްސަލަތައް އަންނައިރު އެމައްސަލަތަކުގެ ވެއްޓަށް އަޅުގަނޑުމެން ތައްޔާރުތޯ، އެމައްސަލަތަކުގެ ތެރޭގައި އަޅުގަނޑުމެންނަކީ ނިކަމެތި، ފައިސާގެ ބާރެެއް ނެތް، އިލްމީ ބާރެއް ނެތް، ދުޅަހެއު ކަމުގެ ބާރެއް ނެތް ބަޔެއް ކަމަށް ވަންޏާ އެމައްސަލަތަކުގެ ކޮންފްލިކްޓް ތެރޭގައި އަޅުގަނޑުމެންގެ ނަން ވެސް ވަސް ވެސް އަަސަރު ވެސް ފިލައިގެން ހިގައިދާނެ, އޭރުވެސް އަޅުގަނޑުމެން ހަމަ ހަތިޔާރު ހިފައިގެން ތިބޭނަމޭ، އޭރުން ހަމަ ކޮންމެ އަހަރަކު ވެސް ތަމްރީން ވެސް ދޭނަމޭ. އެހެންނަމަވެސް އެ ހާލަތަަށް އަޅުގަނޑުމެން ތައްޔާރުވުމަށްޓަކައި ބޭނުންވަނީ އަޅުގަނޑުމެންގެ ވިސްނުން ސިކުނޑީގެ ބޭނުން ހިފާނެ ޖީލެއް ޒަމާނީ ޓެކްނޮލެޖީއާއި އާޓިފިޝަލް އިންޓެލިޖެންސާއި ޑިޖިޓަލް ކަރަންސީ އާއި ޑިޖިޓަލް އިކޮންމީ އަކަށް ހިޖުރަ ކުރާނެ ޒަމާނެއް، އެ ޒަމާން ގެނެސްދޭނީ ގާސިމް،" އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ މި ޒަމާނުގައި ގައުމުތައް ބާރުގަދަވަނީ ފުދުންތެރި އިގްތިސާދީ ގޮތުން ބާރުގަދަ ގައުމަކަށްވެގެން ކަމަށެވެ. އިގްތިސާދީ އެންމެ ބާރުގަަދަ ހަތިޔާރަކީ އެގައުމެއްގެ ފައިސާ ކަމަށާއި އެގައުމެއްގެ ފައިސާ ބާރުގަދަ ނުވާނަމަ އެ ގައުމެއް ބާރުގަދަ ނުވާނެ ކަމަށް އަމީން ވިދާޅުވިއެވެެ.

އަމީން ވިދާޅުވީ ފައިސާ ބާރުގަދަކުރުމަކީ އެގައުމެއްގެ ރައްޔިތުންގެ ވިސްނުމުން ކުރެވޭ ކަމެއް ކަމަށެވެ. އެ ބުއްދި އާއި ވިސްނުން ގެނެސްދެނީ އެގައުމެއް ދެކެ ލޯބިވާ ދިވެހި ދަރިން ކަމަށާއި އަދި އެކަން ކުރެވޭނީ އެ ވިސްނުން ގަބޫލުކުރާ މީހަކަށް ވެރިކަމަށް އާދެވިގެން ކަމަށް އަމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން