ރާއްޖެއަށް ބޭނުންވަނީ މެނޭޖަރެއް ނޫންކަމަށާއި ރާއްޖެއަށް ބޭނުންވަނީ ގާސިމް އިބްރާހިމްފަދަ މީހުން ގޮވައިގެން މަސައްކަތް ކުރަން އެނގޭފަދަ ލީޑަރެއްކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިރޭ ބޭއްވީ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ހަމައެކަނި ދުވަހުން ދުވަހަށް ކޮށްލަންޖެހޭ މަސައްކަތްތައް ކޮށްލާ މެނޭޖަރެއް ނޫންކަމަށެވެ. އަލީ ހުސައިން ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ އޭނާއާއެކު މަސައްކަތް ކުރާ މީހުން ގޮވައިގެން ޓީމެއްގެ ގޮތަށް މަސައްކަތްކުރާ، އެހެން މީހުންނަށް ކަންކަން ކޮށްދިނުމަށް މަސައްކަތްކުރާ ލީޑަރެއްކަމަށެވެ. އަދި އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ގާސިމަކީ ވަރަށް ވިސްނުންތެރި ބޭފުޅެއްކަމަށާއި އެމަނިކުފާނު ވަނީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ގިނަ އައު ކަންކަން ތައާރަފްކޮށްފައިކަމަށެވެ. އެގޮތުން މޫދު ކޮޓަރިއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ގާސިމް ތަޢާރަފްކޮށްދެއްވި ކަމެއްކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.

"ރާއްޖޭގައި މޫދު ކޮޓަރި އެޅުމުގެ މަސައްކަތް ފަށަން ގާސިމް އުޅުއްވުމުން ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ވަނީ އެކަން ކުރެވޭނެ ކަމާމެދު ސުވާލު އުފައްދާފައި. މޫދު ކޮޓަރިީގެ ވިސްނުން ރާއްޖެއަށް ގެނެސް، އެ މަސައްކަތް އެންމެ ފުރަތަމަ ފެއްޓެވީ ގާސިމް. އެކަމަކު މިއަދު ރާއްޖޭގެ ގިނަ މީހުންނަށް ނޭނގޭނެ އެކަމެއް،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ މިއަދު ރާއްޖެއަށް ލިބެމުންދާ އާމްދަނީއާއި އެހެން ކުރިއެރުންތަކަށް ބަލާއިރު ރާއްޖޭގެ ވެރިކަމަށް ގާސިމް އިންތިހާބުވެވަޑައިގެންފިނަމަ ދިވެހި ރައްޔިތުން ހީނުކުރާ ވަރުގެ ތަރައްގީއެއް ރާއްޖެއަށް އަންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން