ރާއްޖެއާއި އަވަށްޓެރި ގައުމުތަކާއި ދިމާނުކޮށް މައްސަލަތައް ހައްލުކުރެވޭ ވަރުގެ ސިޔާސީ ވެއްޓެއް ގާއިމް ކުރަންޖެހޭ ކަމަށް ފޮރިން މިިނިސްޓަރު އަބުދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ފޮރިން މިިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ ރާއްޖެއާއި އަވައްޓެރި ގައުމުތައް ނުވަތަ ރައްޓެހި ގައުމުތަކާއި ދިމާނުކޮށް މައްސަލަތައް ހައްލުކުރެވޭ ވަރުގެ ތަހުޒީބީ ސިޔާސީ ވެއްޓެއް ގާއިމްކުރަންޖެހޭ ކަމަށެވެ. އެގޮތުން ޝާހިދު ވިދާޅުވީ އަވައްޓެރި އިންޑިޔާ އަކީ ރާއްޖޭގައި އޭރަކު އޮންނަ ސަރުކާރަކަށް ބެލުމެއް ނެތި ރާއްޖޭގެ ރައްޔިތުންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެކި ބޭނުންތަކަށް އިންޑިޔާއަށް ދާއިރު ސިޔާސީ ބޭނުމަކަށް އެގައުމާއި ދިމާކޮށްލުމަކީ ވަރަށް ދެރަކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އިންޑިޔާއާއި ދިމާލަށް އެއްވެސް ހަމައެެއް އުސޫލެއް ނެތި ސިޔާސީ ބޭނުމަކަށްޓަކައި ދައްކާނެ އިތުރު ވާހަކައެއް ނެތިގެން ރައްޔިތުންނަށް ހުށައަޅާނެ އިތުރު ސިޔާސަތުތަކެއް ނެތިގެން ފިތުނައާއި ދެކޮޅުވެރިކަމާއި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކަންތައްތައް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށް ދެރަކަމެއް،" އިދިކޮޅު ޕީޕީއެމުން ހިންގާ އިންޑިޔާއާއި ދެކޮޅު ހަރަކާތަށް އިޝާރަތް ކުރަށްވަމުން ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ އިންޑިއާއާ ދިމާކޮށްލުމުން އެކަމުގެ އަސަރު ކުރާނީ ރާއްޖޭގެ ޚާރިޖީ ދާއިރާއަށް އެކަނި ނޫން ކަމަށެވެ. އަދި އޭގެ އަސަރު ރާއްޖޭގެ ގައުމިއްޔަތަށް ކުރާނެ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެއާއިމެދު ބޭރު ގައުމުތަކުން ދެކޭ ގޮތް ބަދަލުވެގެން ހިގައިދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތަކީ ފަތުރުވެރިކަން ކަމަށާއި އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށެވެ. އިންޑިއާއާއި ދެކޮޅަށް ހިންގާ އަމަލުތަކާ ގުޅިގެން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި ބިރުވެރިކަން އުފެދިގެން ހިގައިދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ, އެފަދަ އަމަލުތަކަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު ވަރަށް ނުރައްކާތެރިކަމެއް ކަަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ހިންގާ ގައުމުތަކާއި ދެކޮޅު އެފަދަ އަމަލުތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަކި ނަސްލެއްގެ ބަޔަކާއި ދިމާކޮށް ވަކި ގައުމަކާއި ދިމާކޮށް މިކަހަލަ ކަންކަން ހިންގަން ފަށައިފިއްޔާ އޭގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ހިތްތަކުގައި ބިރުވެރިކަން އިހުސާސްކުރެވިގެންދާނެ، އެމީހުންނަށް ކޮބައިތޯ ޔަގީންކަމެއް އެމީހުންގެ ގައުމާއި ދިމާލަށް ބަޔަކު ދުއްވައިގަންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ޔަގީންކަމެއް ނެތެއް ނޫންތޯ؟ ވަކި ގައުމަކަށްވާތީ ވަކި ނަސްލަކަށްވާތީ ވަކި ބަޔަކާއި ދިމާކުރުން އަޅުގަނޑުމެން ފަތުރުވެރިކަމުގެ ނަޒަރިއްޔާތުން ބަލާނަމަ އެއީ ވަރަށް ނުރައްކާތެރިކަމެއް،" އދގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން