ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ހުޅުމާލެ ފޭސް 1 ގައި ހިންގި ބަނގުރަލާއި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގެ ތެރެއިން، ޖުލައި 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ނިރޮޅުމަގުން ދިޔަ ޕިކަޕެއް ހުއްޓުވައި ބަލައިފާސްކުރި އިރު 70 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.



ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބިދޭސީ ތިން ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށާއި އެއީ 26 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެކެވެ. މި 3 މީހުން ބަންދަށް 7 ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދީފައިވެއެވެ.



އޭގެ އިތުރުން، ޖުލައި 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފްލެޓެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު، ހަތް ސެލޯފިންކޮޅު، ފިލްމު ހުސްކުރި ދަޅެއް، ޖޫސްޕެޓީ ކޮތަޅެއް އަދި މޯބައިލް ފޯނުތަކެއްގެ އިތުރުން ފައިސާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.



މިމައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުން ދަށުގެ ކުއްޖާ ޖުވެނައިލް ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައިކަމަށާއި އަދި 23 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނެއެވެ.



މި ދެ މައްސަލަވެސް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން