ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްއިއްޔާތަކުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ޤަވާޢިދުން ފުރިހަމަނުކުރާ ޖަމްއިއްޔާތައް އުވާލަން ނިންމައި ޔޫތު މިނިސްޓްރީން ކުރި ޢިއުލަން އެންމެފަހުން ބާތިލްކޮށްފިއެވެ.

މިއަހަރުގެ ނިޔަލަށް 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ޖަމްޢިއްޔާތަކާއި ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައިނުވާ ޖަމްޢިއްޔާތަކާއެކު 1989 ޖަމިއްޔާ އުވާލުމަށް ޔޫތު މިނިސްޓްރީން ނިންމީ އިއްޔެއެވެ. އަދި އެކަން ހާމަކޮށް އިއްޔެ އިއުލާން ކޮށްފައިވެއެވެ.

އެހެންނަމަވެސް ޖަމްޢިއްޔާތަކަށް ލިޔެކިއުންތައް ހަމަކުރަން މިޢުލާނުގައި ފުރުސަތެއް ދީފައިވެއެވެ. އެފުރުސަތު އޮތީ 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށެވެ. މިމުއްދަތުގައި ލިޔެކިއުން ހުށަނާޅާ ޖަމްޢިއްޔާތައް، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެކަމަށް ޔޫތު މިނިސްޓްރީގެ ޢިއުލާނުގައި ބުނެފައި އޮތެވެ.

މިއިޢުލާނާއެކު ރާއްޖޭގެ ވަރަށް މަޝްހޫރު ކުޅިވަރު ކްލަބުތަކާއި މަދަނީ ޖަމްޢިއްޔާތައް އޮތީ އުވާލާ ލިސްޓަށް އަރާފައެވެ. އުވާލަން ނިންމި ޖަމްޢިއްޔާތަކުގެތެރޭގައި މައުމޫން ފައުންޑޭޝަނާއި ޖަމްޢިއްޔަތުއް ސަލަފާއި، ވިކްޓްރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިޔާފަދަ ކްލަބު ޖަމްޢިއްޔާތައް ހިމެނެއެވެ.

މިކަމާގުޅިގެން ޢާންމުންގެ ކަންބޮޑުވުންތައް ހާމަވުމާއެކު ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ވިދާޅުވީ، އޭނާއަށްވެސް ޖަމްއިއްޔާތައް އުވައިލަންކުރި އިއުލާނު ފެނިފަޑައިގަތީ ނޫސްތަކުން ކަމަށެވެ. އަދި އުވައިލަން އިއުލާނުކުރި ޖަމްއިއްޔާތަކުގެ ތެރޭގައި ޖަމްއިއްޔާތަކުގެ ރަޖިސްޓަރާގެ ދަށުގައި ނުހިމެނޭ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުލަބުތައްވެސް ހިމެނޭ ކަމަށް މަހުލޫފް ވިދާޅުވެފައި ވެއެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ލިބިވަޑައިގެންފައި ވާކަމަށާ، މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓު ކޮށްފައިކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިއާއެކު ރޭ ކުރި އިއުލާނެއްގައި މިހާރު މިވަނީ ޖަމިއްޔާތައް އުވާލަން ކުރި އިޢުލާން، ބާޠިލު ކޮށްފައެވެ. މިގޮތަށް ޔޫތު މިނިސްޓްރީން ނިންމީ މިކަމުގައި އިދާރީ ގޮތުން ބަލަންހުރި ބައެއް ކަންކަން ހުރުމުގެ ސަބަބުން ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން