ށ. ކޮމަންޑޫގެ އިހުތިސޯސުގެ ތެރޭގައި ހިމަނާފައިވާ މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ކޮމަންޑޫ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ށ. މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޗަރޓަރކުރެވިފައިވާ ޑްރެޖަރ ”ފިލިޕޯ ބްރުނެލޭޝީ“ އިން ކަމަށް އެމްޓީސީސީ އިން ބުނެއެވެ. މަތި ކޮމަންޑޫ ހިއްކުމަށް މި ޑްރެޖަރ މޮބިލައިސްކުރެވިފައި ހއ. އިހަވަންދޫގެ ބިން ހިއްކާ ނިންމުމަށްފަހު ކަމަަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނިގޮތުގައި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ ދަށުން މަތި ކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެގޮތުން ހަފުތާއެއްގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ. މިއީ 249 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއުކެެވެ.

ދެ ކޮމަންޑޫ ގުޅާލާނީ 200 މީޓަރުގެ ބްރިޖަކުންނެވެ. މީގެއިތުރުން މި މަޝްރޫއުގެ ދަށުން 1،520 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއެކު 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި ގާއިމްކުރުމަށް ނިންމާފައިވާއިރު 112 މީޓަރުގެ ޖީއޯބޭގުގެ ތޮށި މަތި ކޮމަންޑޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން