ބ. ކެޔޮދޫގައި ވެލާ ފެޅި 7 މީހުންގެ ޖޫރިމަނާ ފައިސާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާކަމަށް އެންވަޔަރަމަންޓް ޕްރޮޓަކްޝަން އޭޖެންސީ، އީ.ޕީ.އޭއިން ހާމަކޮށްފިއެވެ.

ބ.ކެޔޮދޫގައި ވެލާ ހިފައިގެން އެފަޅައިގެން ކެއްކުމުގައި ހަރަކާތްތެރިވީ ކޮންމެ މީހަކު 198،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އެ މައްސަލާގައި ޖުމްލަ 7 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު މުޅި ޖުމްލަ 1،386،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި އެ 7 މީހުން ދައްކަންޖެހެއެވެ.

އީޕީއޭއިން ބުނީ އެމީހުން ފައިސާ ދައްކާފައި ނުވާތީ ޤާނޫނީ އިމުގެތެރެއިން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާ ފަޅާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން މިއަހަރުގެ ފެބްރުއަރީ 3 ވަނަ ދުވަހު ހަވީރު ވަނީ އެރަށުގައި ޙަރަކާތްތެރިވެފައެވެ. ފުލުހުން އެ ރަށަށް އެރިއިރުވެސް، ވެލާ ފަޅައި އޭގެ ތެޔޮކުނޑި ހޭނުމުގެ މަސައްކަތް ކުރިއަށްދިޔަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެ ރަށުން 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް އެ ދުވަހު ގެންދިޔައެވެ. އެކަމުގައި ޙަރަކާތެރިވި މީހުން ޖޫރިމަނާ ކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

އީޕީއޭއިން ބުނީ އެމީހުން ޖޫރިމަނާ ކުރީ ޤާނޫނީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށެވެ. އަދި 30 ދުވަސް ތެރޭގައި އެ ފައިސާ ދައްކާ ނިންމަން ޖެހޭނެ ކަމަށް އީޕީއޭއިން މަޢުލޫމާތު ދެއެވެ.

ގާނޫނުގައި ވާގޮތުން ވެލާ ކަހަނބަށް ގޯނާއެއް ކުރުމުގައި ގެއްލުން ދިނީ އެކައްޗަށް ނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޯނާ ކުރީ އެކައްޗަށް ވުރެ ގިނަ ވެލާ ކަހަނބަށް ނަމަ އިތުރުވާ ކޮންމެ އެއްޗަކަށް 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން