އެސްޓީއޯގެ ތެލުގެ ވިޔަފާރި ދަށްވުމުން އެ ކުންފުންޏަށް ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އާއި ސާފު ފައިދާ ދަށަށް ހިނގައްޖެއެވެ.

އެސްޓީއޯގެ 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ހިސާބުތައް ވަނީ މިއަދު އާއްމުުކޮށްފައެވެ. އެ ހިސާބުތައް ދައްކާގޮތުން އެސްޓީއޯއަށް ދެވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.8 ބިލިއަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމާއެކު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ 15 އިންސައްތަ ދަށްވެފައިވާކަމަށެވެ.



އެސްޓީއޯއިން ބުނީ ދެވަނަ ކުއާޓަރގައި ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި 804 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާ ބަލާއިރު 1 އިންސައްތައިގެ ދަށްވުމެކެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 428 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާ ބަލާއިރު 15 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާއިރު ޓެކުހަށް ކެނޑުމުގެ ކުރިން މި ކުއާޓާރގެ ސާފު ފައިދާއަކީ 373 މިލިއަން ރުފިޔާއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު މި ކުއާޓާރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 303 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލައިއިރު 18 އިންސައްތައިގެ ދަށްވުމެކެވެ.

ދެވަނަ ކުއާޓާރގައި އޭގެ ކުރީ ކުއާޓާރއާއި އަޅާބަލައި ފައިދާ ދަށްވި ކަމުގައިވިޔަސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ވަނީ ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 671 މިލިއަން ރުފިޔާ ލިބިފައެެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާއި އަޅާބަލާއިރު 366 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން