ރިޔާސީ އިންތިހާބުގައި ވާދަކުރަން އެމްއާރުއެމްއަށް ހުރަހެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

ފުއާދު މިހެން ވިދާޅުވީ އެމްއާރުއެމްއިން ރިޔާސީ ކެނޑިޑޭޓެއް ނެރުމަށް ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުން އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ ޕާޓީގެ މެމްބަރުންގެ އަދަދު 3000 އަށް ނާރާތީ، އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްއާރުއެމްއަށް އޮތް ހުރަހެއްކަމަށެވެ.

އެމްއާރުއެމް އުވާލުމަށް އިލެކްޝަންސްއިން ނިންމިޔަސް، އެކަން މަޑު ޖައްސާލަން ކޯޓުން އޮތީ އަންގަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ ސިވިލް ކޯޓުން އަންގައިފައިވަނީ އެމްއާރުއެމްގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޕާޓީ އުވައިނުލުމަށް ކަމަށެވެ. އަދި ޕާޓީ އުވާނުލާނަމަ ޕާޓީއަށް ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު އޮންނާނެކަމަށް ފުއާދު ވިދާޅުވިއެވެ.

އެމްއާރްއެމްއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާ ކެނޑިޑޭޓަކީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫންނެވެ.

ޕާޓީގެ ފަރާތުން ވާދަ ނުކުރެވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ އަމިއްލަގޮތުން ވާދަކުރެއްވުމަށް އާއްމުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން