ރައްޔިތުން އެދޭގޮަތަށް ފުވައްމުލަކު ސިޓީގެ އެއަރޕޯޓާއި ބަނދަރު ބޮޑުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްޙޫރިއްޔާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ފުވައްމުލަކުގެ ތަރައްޤީއަށް މަސައްކަތްކޮށްފައި ވީނަމަވެސް، އެ މަސައްކަތުގެ ސްޕީޑް އެހާ އަވަސް ނޫންކަން ރައްޔިތުން ފާހަގަކުރާކަމަށެވެ. އެހެންކަމުން މި ސަރުކާރުން މަސައްކަތްކުރީ ފުވައްމުލަކަށް ބޭނުންވާ ތަރައްޤީ އަވަސްކުރަންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް 42 މަޝްރޫއު ފައްޓަވައި، އޭގެތެެރެއިން ގިނަ މަސައްކަތްތައް ނިންމާލާފައިވާކަމަށެވެ. އެގޮތުން މި ދައުރު ނިމޭއިރު ފުވައްމުލަކު ތަރައްޤީއަށް ބިލިއަނެއްހާ ރުފިޔާ ހޭދަވާނޭކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓު ކުޑަވެގެން އެކަމުގެ ވާހަކަ ރައްޔިތުން ހިއްސާކުރަމުންދާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ ދައުރުގައި ފުވައްމުލަކު އެއަރޕޯޓް ބޮޑުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އޭޓީއާރު ޖެއްސޭވަރަށް ފުވައްމުލަކު އެއަރޕޯޓް ބޮޑުކޮށްދޭނަން،" ރައީސް ސާލިހު ވިދާޅުވިއެވެ.

ފުވައްމުލަކު އެއަރޕޯޓްގެ އިތުރުން، ފުވައްމުލަކު ބަނދަރުވެސް ބޮޑުކޮށްދެއްވުމަށް ނިންމާފައިވާކަމަށާއި، އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ ފުވައްމުލަކުގެ ތަރައްޤީއަށް ގިނަ މަސައްކަތްތައް ކުރިއަށް އޮތްތަނުގައިވެސް ހިންގަވާނެކަމަށެވެ. އެގޮތުން ސިންތެޓިކް ޓްރެކް، ސްޓޭޑިއަމް އަދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްވެސް ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތް ތަރައްޤީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ކުޑަކުދިންގެ ހާއްސަ ހޮސްޕިޓަލެއްވެސް ޤާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހިދުމަތްތައް ރައްޔިތުންނާއި ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުގެ މަލްޓި ޕާރޕަސް އޮފީސް އިމާރާތެއް ފުވައްމުލަކުގައި ބިނާކޮށްދެއްވާނެ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެެވެ.

ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް އެމްޑީޕީން ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން