ރިޔާސީ ދައުރު ނިމުމުގެ ކުރިން ފުވައްމުލަކުގެ ތަރައްގީގެ މަޝްރޫއުތަކަށް 1 ބިލިއަން ރުފިޔާ ޚަރަދުކުރަށްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ކުރީގެ ސަރުކާރު ތަކުން ވޭތުވެ ދިޔަ 10 އަހަރެެއްހާ ދުވަހުގެ ތެރޭގައި ފުވައްމުލަކުގައި ހިންގާފައިވަނީ އެންމެ 27 މަޝްރޫއު ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެކަނި 40 އަށްވުރެ ގިނަ ތަރައްގީގެ ޕްރޮޖެކްޓްތައް އެ ސިޓީގައި ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 540 މިލިއަނަށްވުރެ ގިނަ ރުފިޔާ ފުވައްމުލަކުގެ ތަރައްގީއަށް ސަރުކާރުން ހޭދަކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި މިރަށުގައި އަޅުގަނޑުމެން އަޅަން ނިންމާފައިވާ 400 ހައުސިން ޔުނިޓާއި ޓްރެކާއި އަދިވެސް ކުރަން ހުރި މަސައްކަތްތައް ނިމޭއިރު މިރަށައް މިދައުރުގައި ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އަޅުގަނޑުމެންނަށް ޚަރަދުކޮށް ނިންމޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް އައިއިރު، 19.7 ކިލޯމީޓަރުގެ މަގު ހަދައި ނިމިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރަށުގެ ހަދަންޖެހޭ ހުރިހާ މަގެއް ހަދައި ނިންމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ފުވައްމުލަކުގައި 50 އެނދުގެ ހޮސްޕިޓަލެއް އަޅުއްވައި ދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ފުވައްމުލަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ދިރިއުޅުން ރަށަށް ބަދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ބައެއް އޮފީސްތައް ފުވައްމުލަކަށް ބަދަލުކުރަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުގެ ބައެއް އޮފީސްތަކުގެ މަސައްކަތް މި ރަށަށް ބަދަލުކުރުން. މި ރަށުގައި މަލްޓި ޕާޕޯސް އޮފީސް ކޮމްޕްލެކްސްއެއް ގާއިމުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން