ރައްޔިތުންނަށް އެންމެ ފައިދާ ވާނީ ކޯލިޝަން ސަރުކާރެއް ގެނެސްގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ރާއްޖޭގައި ހަމަޖެހުން ގާއިމްކުރެވިގެން ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ ފަސް އަހަރު އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވީ ގައުމުގައި ހަމަޖެހުން ގާއިމް ކުރުމަށް ކަމަށާއި އެ ހަމަޖެހުން ގެނެވުނީ ކޯލިޝަން ދެމެހެެއްޓުމުން ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި އަންނަ ދައުރު ވެސް ގައުމަށް ހަމަޖެހުން ގެނެވޭނީ ރައްޔިތުން ކޯލިޝަން ސަރުކާރެއް ގެނެސްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަމައެކަނި އެއް ޕާޓީއެއްގެ ހިޔާލާއި އެއްގޮތަށް މަސައްކަތް ކުރުމަށްވުރެ ތަފާތު އެކި ޕާޓީތަކުގެ ހިޔާލުތައް އެއްކޮށްގެން ކުރާ މަސައްކަތަކުން ރައްޔިތުންނަށް ކުރާނެ ފައިދާ މާބޮޑުވާނެ ކަމަށެވެެ.

"އެވިސްނުމުގައި ކޯލިޝަނަކާއެކު އަޅުގަނޑު ކުރިއަށް މިދަނީ. އިރާދަކުރެއްވިއްޔާ ނުވައެއް ސެޕްޓެމްބަރުގައި މި ބޭއްވޭ ރިޔާސީ އިންތިހާބު އެއް ބުރުން ކުރިއަށް ވުރެ ސާފު އަޣުުލަބިއްޔަތަކުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށަށް ކުރާ ދަތުރުފުޅުތަކުން ވެސް ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެވޭ މަންޒަރު ފެނިވަޑައިގަންނަވަމުންދާ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ މި ފަސް އަހަރު އެމަނިކުފާނު މަސައްކަތް ކުރެއްވީ ޚިޔާލު ތަފާތުވާ މީހުންނަށް ޖާގަ ދެއްވައިގެން ކަމަށެވެ. އަދި އެކަން ކުރިއަށް އޮތް ތަނުގައި ވެސް އެކަން އެގޮތަށް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން