ރައީސް އިބްރާހިމް މުޙައްމަދު ސާލިިހަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ތަރައްގީގެ ސްޕީޑް މިހާރަށްވުރެ މާބޮޑަށް ހަލުވި ވެގެންދާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ކަންކަން ސަރުކާރުން ފުރިހަމަކޮށް ދެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން ތިބީ ތަރައްގީއަށް ފެންބޮވައިގެންފައި ކަމަށާއި، ރައްޔިތުން ތަރައްގީ ބޭނުންވާނަމަ އަމަލު ކުރަންޖެހޭނީ އެ ތަރައްގީ ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ. ރައީސްގެ ދެވަނަ ދައުރެއްގައި މިހާރު ހިންގާ ތަރައްގީގެ ސްޕީޑް މިހާރަށްވުރެ މާބޮޑަށް ހަލުވިގެންދާނެ ކަމަށް ސިޔާމް ވިދާޅުވިއެވެެ.

"ތިބޭފުޅުން ވިސްނާ ފިކުރު ކުރޭ، ދެން އަޅުގަނޑުމެން މިހާރު ފަށާފައި ހުރި މަސައްކަތާއި މި ޕްރޮޖެކްޓްތަކާއި މިހުރިހާ އެއްޗެއް ރާއްޖޭގެ އެތައް ރަށެއްގައި ކުރިއަށް އެދަނީ، ޓަސް ލާފައި އެހެން މީހަކު އައީމަ ދެއަހަރު ދުވަސް ގެއްލިގެންދާނެ އޭގެ ސަބަބުން ތަރައްގީއަށް އެތަށް ހުރަހެއް އެޅިގެންދާނެ އެގޮތަށް ވެއްޖެއްޔާ، އަޅުގަނޑުމެން މިދާގޮތަށް ރައީސަށް ދެވަނަ ދައުރެއް ލިބިއްޖެ ކަމަށްވާނަމަ މިހާރު މި ދާ ސްޕީޑަށްވުރެ މާ ފުރިހަމަ ސްޕީޑެއްގައި އަޅުގަނޑުމެންނަށް ތަރައްގީ ކުރިއަށް ގެންދެވޭނެ،" ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާމް ވަނީ ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ރައީސްގެ ލީޑަރޝިޕްގެ ދަށުން ކުރެއްވި މަސައްކަތްތައް ފާހަގަކުރަށްވައި އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވާފައެވެ. އޭނާ ވިދާޅުވީ ކޮވިޑާއި އެކު ރާއްޖެއަށް އާމްދަނީ ލިބޭނެ މަގު ބަންދުކޮށް ބޯޑަރު ބަންދުކުރަންޖެހުނު ކަމަށެެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުނު ކަމަށާއި، މިއަދު ފަތުރުވެރިކަމުގެ ސިނާއަތް ދެމިއޮތީ ރައީސް ސާލިޙު ވެރިކަމުގައި ހުންނަވައި އެދުވަހު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

ކޮވިޑާ އެކުގައި ރައްޔިތުންނަށް ލޯނާއި އެ ނޫން ގޮތް ގޮތަށް ތިން ބިލިއަނެއްހާ ރުފިޔާ ސަރުކާރުން ބަހާލާފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ. ސިޔާމް ވިދާޅުވީ ރައީސް ސާލިހަށް ތާއިދުކުރެއްވީ ޓެސްޓުކޮށް، ޓެސްޓުން އެމަނިކުފާނު ފާސްވުމުން ކަމަށެވެ. ރައްޔިތުން ގޮތް ނިންމާއިރު ވޭތުވެ ދިޔަ ތަނުގެ ތަޖުރިބާގެ އަލީގައި މަސައްކަތް ކުރުން މުހިންމު ކަމަށް ސިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން